04 Oct 2011, 15:52
މާލޭ ސިޓީގައި ހިންގަމުންދާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކޮށް، ފިޔަވަޅު އެޅުމާއި އެތަންތަނަށް ލައިސަންސް ދޫކުރުމުގެ އިތުރުން، މަދިރި ކޮންޓްރޯލްކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.
ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ]ސީސީއެޗްޑީސީ[ އިން ކުރަމުންދިޔަ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރަމުންދިޔަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އެ ބަދަލާ ގުޅިގެން މަދިރި އާލާވާ ފަދަ ތަންތަން އިސްލާހުކުރުމަށް މަސައްކަތްކުރުމާއި އެތަންތަނަށް ގަވައިދުން ބޭސް އެޅުމާއި މަދިރީގެ ސަބަބުން ޖެހޭ ރޯގާއެއް ފެތުރޭ ނަމަ އެކަން ކޮންޓްރޯލްކުރުމަށް ބޭސް ޖެހުމާއި މަދިރި ކޮންޓްރޯލްކުރުމަށް އާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުންދާނީ މާލެ ސިޓީ ކައުންސިލުން ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
އަދި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ އަދި ގުދަންކުރާ ތަންތަން އިންސްޕެކްޓްކޮށް، ލައިސަންސް ދޫކުރުމާއި އެތަންތަން ސާފުތާހިރުކަމުގެ މިންގަނޑަށް ފެތޭތޯ ބަލައި ސެޓްފިކެޓް ދޫކުރުމާއި އެ ސެޓިފިކެޓް އާކުރުމުގެ ހިދުމަތްދޭނީ ވެސް ސިޓީ ކައުންސިލުންނެވެ. އަދި ކާބޯތަކެތި ވިއްކާ ތަންތަން ގްރޭޑް ކުރުމާއި ގަވައިދާ ގަވައިދާ ހިލާފަށް ހުންނަ ކާބޯތަކެތި ވިއްކާ ތަންތަން ބަންދު ކުރުމަކީ ވެސް ކައުންސިލްގެ ޒިންމާއެކެވެ.
އެ ހިދުމަތްތައް ދޭން ހަމަޖައްސާފައި ވަނީ ހެންވޭރު އަވަށު އޮފީސް ކުރިން ހިންގި އިމާރާތުގައި ކަމަށާއި އެހިދުމަތްތަކާ ގުޅޭ ހުރިހާ މައްސަލަތައް މީގެ ފަހުން ރިޕޯޓްކުރާނީ ސިޓީ ކައުންސިލަށް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.