10 Jan 2019, 09:42
ކިންޝާސާ (ޖެނުއަރީ 10): ޑިމޮކްރެޓިކް ރިޕަބްލިކް ކޮންގޯގައި މިދިޔަ މަހު ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު ކެންޑިޑޭޓު ފީލިކްސް ޝައިސްކެޑީ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.
ކޮންގޯގެ ރިޔާސީ އިންތިހާބުގެ ނަތީޖާ މީގެ ކުރިން އިއުލާން ކުރަން ހަމަޖެހިފައި އޮތީ އާދިއްތަ ދުވަހެވެ. ނަމަވެސް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓު ގުނާ ނުނިމޭ ކަމަށް ބުނެ ނަތީޖާ ހާމަ ކުރުން ލަސްކޮށްފަ އެވެ.
އެކޮމިޝަނުން ބުނި ގޮތުގައި ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޝައިސްކެޑީ ވަނީ ހަތް މިލިއަން ވޯޓު (38.5 ޕަސެންޓު) ކާމިޔާބުކޮށްފަ އެވެ. އަދި ސަރުކާރުގެ އެލަޔަންސުން ވާދަ ކުރެއްވި އިމަނުއެލް ޝަދަރީއަށް ލިބުނީ 4.4 މިލިއަން ވޯޓެވެ.
ކޮންގޯގެ އިދިކޮޅު ޕާޓީ ޔޫނިއަން ފޯ ޑިމޮކްރަސީ އެންޑް ސޯޝަލް ޕްރޮގްރެސް (ޔޫޑީޕީއެސް)އަށް ނިސްބަތްވާ ޝައިސްކެޑީ ވަނީ އޭނާގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަގީރުކަން ނައްތާލުމަށް ކަމަށް ވިދާޅުވެފަ އެވެ.
އެއިންތިހާބާ އެކު ކޮންގޯގައި 18 އަހަރުވަންދެން ވެރިކަން ކުރެއްވި ޖޯސެފް ކަބީލާއަށް ވެރިކަމުން ފައިބައިވަޑައިގަންނަވަން ޖެހޭނެ އެވެ. ކަބީލާ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ، 2001 ވަނަ އަހަރު ވެރިކަމުގައި ހުންނެވި އޭނާގެ ބައްޕާފުޅު އަވަހާރަކޮށްލުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ 2006 އާއި 2011އިގެ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.
ކަބީލާގެ ވެރިކަމުގެ ދައުރު ވަނީ 2016 ވަނަ އަހަރު ހަމަވެފަ އެވެ. ނަމަވެސް ކޮންގޯގެ ރިޔާސީ އިންތިހާބު ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ތިން ފަހަރަކު ލަސް ކުރުމުން ކަބީލާ ވަނީ ވެރިކަމުގައި ދެމިހުންނަވާފަ އެވެ.