04 Oct 2011, 15:30
މެޑިކަލް ޑިވައިސްއާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހަޅުއްވަމުން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ވިދާޅުވީ، މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ސިއްހީ ހިދުމަތްދޭން ބޭނުންކުރާ ތަކެއްޗަކީ އެ ތަކެތީގެ ފެންވަރު ބެލިގެން ރަނގަޅު ފެންވަރުގެ ހިދުމަތެއްދެވޭ އެއްޗެއްސަށް ހެދުން ކަމަށެވެ.
ޖުމްލަ 28 މާއްދާ އެކުލެވޭ ބިލުން ފުރިހަމަ ބާރަކާ އިހުތިޔާރު ހެލްތު މިނިސްޓްރީއަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިލުގައިވާ ގޮތުން މެޑިކަލް ޑިވައިސް އޮތޯރިޓީއެއް އުފައްދަންޖެހޭ ކަމަށާއި އެގާރަ މެންބަރުން ހިމެނޭ ނެޝަނަލް މެޑިކަލް ޑިވައިސް ބޯޑެއް އެކުލަވާލަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ސައިންޓިފިކް ޓާސްފޯހެއް އުފައްދަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެތަންތަނުން ރާޖެއަށް އެތެރެ ކުރެވޭ ސިއްހީ ހިދުމަތްދޭ އެއްޗެހީގެ ފެންވަރު ބަލައި ރެގިއުލޭޓް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ސިއްހީ ހިދުމަތްދޭ އެއްޗެހީގެ އިތުރުން ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭހުގެ ބާވަތްތައް ވެސް ޗެކްކޮށް ބަލަންޖެހޭ ކަމަށެވެ.
"ފޭކް ބޭހުގެ ވިޔަފާރިއަކީ ދުނިޔޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ ވިޔަފާރިއެއް. އަދި މިހާތަނަށް އެއްވެސް ބާވަތެއްގެ ފޭކް މެޑިސިނެއް ރާއްޖެއިން ފެނިފައެއްނުވޭ. ނަމަވެސް އަޅުގަނޑު ގެރެންޓީއާއެކު ދަންނަވަން މިހާރު ޗެކް ކުރިއަސް 50 ޕަސެންޓް ހުންނާނީ ފޭކް ބޭސް" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، މިފަދަ ގާނޫނުތައް ހަދަންޖެހެނީ ސަރުކާރުގެ ނުކުޅެދުންތެރިކަމުން ކަމަށެވެ. އަދި ސިއްހީ ކަންތައްތައް ނުވެސް އެނގޭ ބަޔަކު ވަޒީފާތަކަށްލުމުގެ ސަބަބުން ސަރުކާރުގެ ސިއްހީ ދާއިރާ ފެއިލްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، މެޑިކަލް ޑިވައިސްތަކުގެ ފެންވަރު ބަލާ ވާހަކަ ދައްކާއިރު، އަތޮޅު ތަކުގެ ސިއްހީ ތަންތަނުން ވާރޭ ހިޔާ ނުވާކަމަށެވެ. އަދި ރާއްޖޭގައި ބޭނުންކުރާ މެޝިން ތަކަކީ ފޭކް މެޝިންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ބިލުގެ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، ތަކެތި ބެލުމުގެ ބަދަލުގައި މިހާރުން މިހާރަށް ވެސް ރަށްރަށުގެ ސިއްހީ އިދާރާތަކަށް ޑޮކްޓަރުންނާއި ބޭސް ހޯދަންޖެހިފައިވާ ކަމަށެވެ.