ބަންގްލަދޭޝް އިން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ހައްޔަރު ކުރި މީހާ އަކީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އަދި އެތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ އޭނާގެ އަމަލު ހުރި ގޮތުން، ޝައްކު އުފެދުމުން އޭނާގެ ލަގޭޖު ބަލައި ފާސް ކުރުމުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އޭނާގެ ލަގޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އަޅާފައި ހުރި ރަބަރު ޕެކެޓުތަކެއް ފެނުނު ކަމަށް ވަނީ ބުނެފަ އެވެ.

ކަސްޓަމްސް އިން ބުނީ އޭނާގެ އަތުން ފެނުނު ޕެކެޓުތަކުން 2084 އޮރެންޖު ކުލައިގެ ގުޅަ ފެނުނު ކަމަށެވެ. އަދި އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން (ޔާބާ)އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެ ތަކެތީގެ ޖުމްލަ ބަރުދަނުގައި 282 ގްރާމު ހުންނަ އިރު އޭގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހާ އާއި އޭނާގެ އަތުން ފެނުނު ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.