ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެންމެ މައިގަނޑު އަސާސަކީ ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އެހެން ވިދާޅުވީ، ރާއްޖެއިން އެކި ގައުމުތަކަށާއި ޖަމްއިއްޔާތަކަށް ކަނޑައަޅުއްވާ އާ ސަފީރުންނާއި، ސަފީރުންގެ ނައިބުން، އެބޭފުޅުން ޙަވާލުވާ މިޝަންތަކުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ފޮރިން މިނިސްޓްރީގައި ބާއްވާ 2 ދުވަހުގެ ޕްރޮގްރާމް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ މުޅި ހާރިޖީ ސިޔާސަތު އަމާޒުވެފައި އޮތީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއީ ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ އިސްތިޤްލާލާއި، ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރާނެ ގޮތަށް ކަންކުރުންކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދެން ބިނާވެގެން ދާނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އިސްނެގުމުގެ މައްޗަށް ކަމަށް ރައީސް ސޯލިހު ހުވާ ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއާއި ގާތް ގުޅުމެއް ބާއްވަން ބޭނުންވާ، ބައިނަލްއަގުވާމީ އުސޫލުތަކަށް ބޯލަނބާ ހުރިހާ ގައުމުތަކަކާއިއެކު ރާއްޖެއިން އެކުވެރިކަމުގެ ގުޅުން ބަދަހިކުރަމުން ގެންދާނެކަމަށް ވިދާޅުވިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބަވާ ބޭފުޅުން ބޭރުގައި ތިއްބަވަނީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައިކަން ހަނދުމަފުޅު ބަހައްޓަވަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ބޭރުގައި ހުންނަވަނިކޮށް ރައްޔިތަކަށް ކަމެއް ދިމާވެއްޖެނަމަ އެކަމަކަށް ވީހާވެސް ބޮޑަށް އިސްކަން ދެއްވުމަށް އެ ބޭފުޅުންނަށް އިލްތިމާސްކުރެއްވިއެވެ.

ރާއްޖެއިން އެކި ގައުމުތަކަށާއި ޖަމްއިއްޔާތަކަށް ކަނޑައަޅުއްވާ އައު ސަފީރުންނާއި، ސަފީރުންގެ ނައިބުން، އެބޭފުޅުން ހަވާލުވާ މިޝަންތަކުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ބާއްވާ ޕްރޮގްރާމްގައި 16 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.