09 Jan 2019, 17:32
ވިލިމާލޭގައި ޖަނަވާރުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވިލިމާލޭގައި މިނިސްޓްރީގެ ނަމުގައި ހުންނަ އިމާރާތެއްގައި ޕެޓް ޖަނަވާރުތަކަށް ފަރުވާދޭ ވަގުތީ ކްލިނިކެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ އެ ކްލިނިކެއް ގާއިމުކޮށް މިދިޔަ ހޯމަ ދުވަހު އެ ހިދުމަތްދޭން ފެއްޓޭނެ ކަމަށެވެ. ނަމަވެސް، އަދިވެސް އެ ހިދުމަތް ދޭން ފަށާފައި ނުވާ އިރު، މާދަމާ އެ ހިދުމަތް ފަށަން ނިންމާފައިވާކަން ވަނީ އެނގިފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ދަށުން ހުޅުވާ ކްލިނިކުން ހިދުމަތްދޭނީ އެޕޮއިންޓްމަންޓް ދޫކޮއްގެން ކަމަށެވެ. އަދި ހިދުމަތް ދޭން ހަމަޖައްސާ ހަފުތާ ދުވަސްތަކާއި ގަޑިތަކާއި، އަގުތައް އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ދިރޭ ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި، އެތަކެތި އެތެރެކުރުމާއި ބޭރުކުރުމާއި، އެތަކެތީގެ ދުޅަހެޔޮކަމާ (ވެލްފެއާ) ގުޅުންހުރި މަސައްކަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތަކީ ފިޝަރީޒް މިނިސްޓްރީ އެވެ.
ޖަނަވާރަށް ފަރުވާދޭ ކްލިނިކެއް ހުޅުވަން ނިންމާފައިވާ އިރު މާލޭގައި ބަޔަކު މީހުން ބުޅާ މަރާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.