ސްކޫލްތައް ތައްޔާރުވެފައި ވަނީ މާދަމާ ޓީޗަރުންގެ ދުވަސް ފާހަގަ ކުރާށެވެ. ބެލެނިވެރިން ތައްޔާރުވަމުން އަންނަނީ މާދަމާ ޓީޗަރުންނަށް ހަދިޔާ ދޭށެވެ. ނަމަވެސް މާދަމާ ޓީޗަރުންގެ ދުވަސް ފާހަގަ ކުރާއިރު ބައެއް ސްކޫލްތަކުގެ ބެލެނިވެރިން ވަނީ ކަންބޮޑުވުންތަކެއް ފާހަގަކޮށްފަ އެވެ. ބައެއް ސްކޫލްތަކުގެ ބެލެނިވެރިން ބުނަނީ ޓީޗަރުންނަށް ހަދިޔާ ދިނުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނަގަމުންދާ ކަމަށެވެ.

ޓީޗަރުންނަށް ހަދިޔާ ދިނުމަށް މާލޭގެ ބައެއް ސްކޫލުތަކުން ބެލެނިވެރިންގެ އަތުން ފައިސާ ނެގި ކަމަށް ބުނެ ބައެއް ބެލެނިވެރިން ޝަކުވާކުރާއިރު އޭގެ ތެރެއިން ބައެއް ބެލެނިވެރިން ވަނީ މިއަދު ސަންއަށް އެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ނަން ހާމަކުރަން ބޭނުން ނުވި ބެލެނިވެރިޔަކު ބުނީ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން އަމީރު އަހުމަދު ސްކޫލުގެ ޓީޗަރުންނަށް ހަދިޔާ ދިނުމުގެ ނަމުގައި ކޮންމެ ބެލެނިވެރިއެއްގެ އަތުން 150ރ. އަށް ވުރެ މަދުނުވާ އަދަދަކަށް ފައިސާ ނަގަމުން ދާ ކަމަށެވެ. ޓީޗަރުންނަށް ހަދިޔާ ދިނުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނެގުމުގައި ހަރަކާތްތެރި ވަނީ ބެލެނިވެރިންގެ ތެރެއިން ހޮވާފައިވާ ކްލާސް މަންދޫބުން ކަމަށް ވެސް އޭނާ ބުންޏެވެ.

އަމީރު އަހުމަދުގެ އެހެން ބެލެނިވެރިޔަކު ބުނީ ބައެއް ޓީޗަރުން ހަދިޔާ އެއްގެ ބަދަލުގައި ބެލެނިވެރިން އަތުން ނަގާ ފައިސާ ބޭނުންވާ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށެވެ.

"ޓީޗަރުންގެ ދުވަހުގެ ހަދިޔާ ދިނުން ވަނީ ވިޔަފާރިއަކަށް ބަދަލުވެފައި، އެމީހުން ހަދިޔާއެއް ބޭނުމެއް ނުވޭ. ބޭނުން ވަނީ ގަނޑުކޮށް ފައިސާ،" އޭނާ ބުންޏެވެ.

އަދި އެހެން ބެލެނިވެރިޔަކު ބުންޏެވެ: "ސްކޫލްތަކުގެ މެނޭޖްމަންޓްގެ ވާގިވެރިވެ ސަޕޯޓް ކޮށްގެން ބެލެނިވެރިން ލައްވާ މިކަންތައް ކުރުވަނީ. މިހާރު ތިބޭނެ ކޮންމެ ކުލާހެއްގައި ކްލާސް މަންދޫބު ކިޔާ ބައެއް. ސްކޫލުން ލިސްޓް ދެނީ މަންދޫބުންނަށް. ދެން އެމީހުން ލައްވާ ބެލެނިވެރިންނަށް ގުޅާފައި މިބުނަނީ އެބަޖެހެޔޭ ޓީޗަރަށް ހަދިޔާއެއް ދޭން. ބައެއް ސްކޫލުތަކުން އެބަހުރި 150ރ ގެންދަން އަންގާފައި ،" އޭނާ ބުންޏެވެ. "ހަމަ އެގޮތަށް އެ ބެލެނިވެރިޔާ (ކްލާސް މަންދޫބު) ގުޅާފައި ބުނި ސްކޫލުން ބުންޏޭ ޓީޗަރު ބޭނުމެއް ނުވެޔޭ ހަދިޔާއެއް. ޓީޗަރު ބޭނުން ވަނީ ކުލާހެއްގައި ތިބޭ ވިއްސަކަށް ކުދިންގެ އަތުން ނެގޭ ކޭޝް ގަނޑުކޮށޭ،"

ގިނަ ބެލެނިވެރިން ފައިސާ ދީފައިވާ ކަމަށާއި ފައިސާ ދިނީ، ފައިސާ ދޭ ބެލެނިވެރިންނާއި ނުދޭ ބެލެނިވެރިންގެ ލިސްޓް ހަދައިފައި ހުރުމުން ފައިސާ ނުދީފި ނަމަ ލަދުގަންނަން ޖެހޭތީ ކަމަށް ސަން އަށް ވާހަކަ ދެއްކި ބެލެނިވެރިޔާ ބުންޏެވެ.

"ގިނަ މީހުން ދިނީ އެލިސްޓް ހުރުމުން މަޖުބޫރުވެގެން،" އޭނާ ބުންޏެވެ.

ޓީޗަރުންގެ ހަދިޔާގެ މައްސަލައިގައި އެންމެ ގިނަ ބެލެނިވެރިން ޝަކުވާ ކުރި، އަމީރު އަހްމަދު ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ޓީޗަރުންގެ ދުވަހުގެ ކަންތައްތައް ރާވައި ހިންގަނީ ޕީޓީއޭ އާއި ކްލާސް މަންދޫބުން ގުޅިގެން ކަމަށާއި ބެލެނިވެރިންގެ އަތުން ފައިސާ ނަގަން ހަމަޖެހިފައި އޮތްކަން ސްކޫލް މެނޭޖްމަންޓަށް އެނގިފައި ނުވާ ކަމަށެވެ. އަދި ޓީޗަރުންގެ ދުވަހާ ގުޅިގެން އެ ސްކޫލުން ނެރުނު ބަޔާނުގައި ބެލެނިވެރިން ބައިވެރިވުމަށް މަޖުބޫރު ނޫން ކަމަށް ބުނެފައި އޮންނާނެ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

އަމީރު އަހުމަދުގެ އިތުރުން ގަލޮޅު މަދަރުސާ އާއި ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލުން ވެސް ބެލެނިވެރިންގެ އަތުން ފައިސާ ނެގި ކަމަށް ބައެއް ބެލެނިވެރިން ވަނީ ބުނެ އެވެ. އަދި އަހްމަދިއްޔާ ސްކޫލްގެ އެކި ގްރޭޑްތަކުން އެކި އަދަދުތައް ނަގަމުންދާ ކަމަށް ވެސް ބައެއް ބެލެނިވެރިން ބުންޏެވެ.

"ޔޫކޭޖީގައި ކިޔަވާ އަޅުގަނޑުގެ ދަރިފަޅަށް 100ރ. ދިނިން،" އަހްމަދިއްޔާ ސްކޫލްގެ ބެލެނިވެރިޔަކު ބުންޏެވެ.

އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އެ ސްކޫލުން އޮގަނައިޒުކޮށްގެން އެފަދަ ކަމެއް ނުކުރާ ކަމަށާއި އަދި ފައިސާ ނުނެގުމަށް ޓީޗަރުންނަށް ވެސް އަންގަވާފައިވާނެ ކަމަށެވެ.

"ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް މި ސްކޫލަކުން ލޯލާރިއެއް ވެސް ނަގާފައެއް ނުވާނެ މިފަހަރަކު،" ރަޝީދު ވިދާޅުވި އެވެ.

ގަލޮޅު މަދަރުސާ އާއި އިމާދުއްދީން ސްކޫލުން ބުނީ އެ ސްކޫލުތަކުން ފައިސާ ދިނުމަށް ބެލެނިވެރިންނަށް މަޖުބޫރު ކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް އެ ސްކޫލަށް އެހީތެރިވާން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތު ހުޅުވާލެއްވި ކަމަށް ބުނެފައިވާނެ ކަމަށެވެ.

ޓީޗަރުންގެ ހަދިޔާގެ މައްސަލައިގައި ތާޖުއްދީން ސުކޫލުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ގަވާއިދު ބުނާ ގޮތުން ކިޔަވާ ކުއްޖެއް ނުވަތަ ބެލެނިވެރިއެއްގެ އަތުން، ކިޔަވައިދޭ ތަނަށް ދައްކާ ފީގެ އިތުރުން، އެހެން ފީއެއް ނެގޭނީ އެ މިނިސްޓްރީގެ ސާކިއުލާ އަކުން ހުއްދަ ކުރެވިފައިވާ ކަންތައްތަކަށެވެ. އެނޫން ކަންތައްތަކަށް ފީއެއް ނެގޭނީ އެ މިނިސްޓްރީން ހުއްދަ ލިބިގެނެވެ.