05 Jun 2010, 10:32
14:30
ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލަ ގަޔަށް ޕެޓްރޯލް ހަމެއް އަޅާލައިގެން ރޯކޮށްލި ޒުވާނާ މަރުވެއްޖެ އެވެ.
އެހާދިސާގައި ހަށިގަނޑުގެ ބޮޑު ބައެއް ފިހިގެން މަރުވި ގައްދޫ، ފޫލޫނިޔާގޭ އުމުރުން 22 އަހަރުގެ އިބްރާހިމް އަފްޒަލްގެ އާއިލާގެ ފަރާތުން، ސަންއެފްއެމް ބްރޭކިން ނިއުސްގައި ވާހަކަ ދެއްކި އަހުމަދު ތޮލާލް ބުނީ އޭނާ މަރުވެފައިވަނީ ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރަށް ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ޑޮކްޓަރުން ވެސް އުއްމީދު ކަނޑާލާފައި ވަނިކޮށް ކަމަށެވެ. އަދި ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ޒުވާނަކު އަމިއްލަ ގަޔަށް ޕެޓްރޯލް ހަމެއް އަޅާލައިގެން ރޯކޮށްލި އިރު އެކަމުގައި ފުލުހުން 100 ޕަސެންޓް އިހުމާލު ވާންޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް މަރުވި އަފްޒަލްގެ ހަށިގަނޑާ ހަވާލުވާން ބޭނުން ނުވާ ކަމަށް ބުނެ އެނާގެ ބޭބެ ތޮލާލް ބުންޏެވެ.
ތޮލާލް އިތުރަށް ބުނީ އެހާދިސާ ހިނގީ ފުލުހުންގެ ސަބަބުން ކަން ގަބޫލު ކުރާ ކަމަށާއި އަދި އޭނާ އެހާހިސާބަށް ދާން ޖެހުނު ސަބަބެއް ވެސް އޮންނާނެ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ހިއުމަންރައިޓްސް ކޮމިޝަނުންނާއި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި އިހުމާލު ވެފައިވަނީ ކޮން ބައެއްތޯ ބަލާނެ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އިބްރާހިމް އަފްޒަލްގެ ހަށިގަނޑުން 95 ޕަސެންޓް ފިހިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައި ވަނީ އެހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 3:30 ހާއިރު އިބްރާހިމް އަފްޒަލް ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ، ޕޮލިސް ސްޓޭޝަންގެ ތެރޭގައި ހުރި އުނދޯލި ގެއެއްގެ ތެރޭގައި ފުލުހުންގެ ވެހިކަލްތަކަށް އަޅަން ބޭނުންކުރާ ޕެޓްރޯލް ހަމެއް އަމިއްލަ ގަޔަށް އަޅާލުމަށްފަހު އެތަނުގައި އޮތް ލައިޓަރެއް ނަގާ އަމިއްލަ އަށް ރޯކޮށްލައިގެން ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާއްމު ފަރާތްތަކަށް ބިރުދައްކައި އުނދަގޫކޮށް ހަދާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބިފައި ވަނިކޮށް، އިއްޔެ މަސްތުވެގެން ހުރި ކަމަށް ތުހުމަތުކުރެވިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.