އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބްރައިސް ހަޗެސަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އޮސްޓްރޭލިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައި ވަނީ އެއްގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމްގެ މައްޗަށްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ދެގައުމުވެސް ޝައުގަވެރިވާ ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގައި ޔަގީންކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއީ ކުރިއަށްއޮތް ތާނގައިވެސް ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ކަންބޮޑުވުންތައް ވެސް ފާހަގަކުރައްވާފަ އެވެ. އެ ގޮތުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި ޑިމޮކްރެޓިް ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ކޮރަޕްޝަން ހުއްޓުވުމާއި، ޝަރުއީ ދާއިރާ ހަރުދަނާކުރުމާއި އަދި އިންސާނީ ވަސީލަތް ހަރުދަނާކުރުމަކީ އޮސްޓްރޭލިއާ އާއި ގުޅިގެން ހައްލުކުރަން ބޭނުންވާ ކަންތައްތައް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ސަފީރު ވަނީ ދިވެހި ސަރުކާރުން ކޮމަންވެލްތާ ގުޅުމަށް ނިންމި މި ނިންމުމަށް މަރުހަބާ ވިދާޅުވި އެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތަން ފެންނާތީ އެކަމަށްޓަކައި ސަފީރު ސަރުކާރަށް ތައުރީފު ކުރެއްވެވިއެވެ.

އޭގެ އިތުރުން އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ހިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާއި އދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި އެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.