ސިޔާސީ ޕާޓީއެއްގައި ދަރަނި އޮއްވާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ދިޔުމަކީ ރާއްޖޭގެ ސަގާފަތެއް ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިވަގުތު އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ގައުމީ އެއާލައިން މޯލްޑިވިއަން އަށް ނުދައްކައި 3.4 މިލިޔަން ރުފިޔާވާ ކަމަށް މީގެ ކުރިން ޕީޕީއެމް އިން ވަނީ ބުނެފަ އެވެ. އަދި ބޮޑެތި ދަރަނިތަކެއް ޕީޕީއެމް އިން ދައްކަން ޖެހިފައިވާ އިރު އެޕާޓީގެ ލީޑާޝިޕުން ދަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުރެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ޕާޓީ (ކޮންގްރެސް ޕާޓީ) އުފެއްދެވުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ދަރަނި އޮއްވާ ޕާޓީ ބަދަލު ކުރުމަކީ ސިޔާސީ ބޮޑެތި ބޭފުޅުން ދަސްކޮށްދެއްވި ސަގާފަތެއް ކަމަށެވެ.

"ޑިއާރުޕީ ދޫއްކުރައްވާ ރައީސް މައުމޫން ވަޑައިގެންނެވި އިރު 19 މިލިޔަން އަށް ވުރެ ގިނަ ރުފިޔާ އެ ޕާޓީގެ ދަރަނީގައި އޮތް. ހަމަ އެ ދަރަނި އެ ގޮތަށް އޮއްވާ، ތަސްމީން އެ ޕާޓީ ދޫކުރައްވާ ވަޑައިގަތީ. އެހެކަމުން ދަރަނި އޮއްވާ ޕާޓީ ބަދަލުކުރުން މީ ރާއްޖޭގެ ސަގާފަތަކަށް ވެފަ އޮތް ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ދަރަނި އޮތް ކަމުގައިވީ ނަމަވެސް ގާނޫނީ ގޮތުން އާ ސިޔާސީ ޕަޓީއެއް އުފެއްދުމަށާއި އެހެން ޕާޓީއަކަށް ދިޔުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

"ސިޔަސީ ޕާޓީތަކުގެ ގާނޫނުގައި ނެތް ބުނެފަ ޕާޓީގެ ދަރަންޏެއް އޮއްވާ އެ ޕާޓީގެ މެމެބަރަތަކަށް ނުވަތަ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅަކަށް އެހެން ޕާޓީއަކަށް ނުދެވޭނެ އޭ. ގާނޫނީ ގޮތުން ހުރަހެއް އޮތް ކަމެއް ނޫން އެއީ،" އަލަށް އުފައްދަވާ ކޮންގްރެސް ޕާޓީގެ މުއައްސިސް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވި އިރު، އީސީގެ ތަރުޖަމާނު އަދި އެކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މީގެ ކުރިން ވިދާޅުވެފައި ވަނީ، ޕާޓީތަކުގެ ދަރަންޏަށް ޕާޓީގެ މާލީ އެންމެ އިސްވެރިޔާ ޒިންމާ ނަގަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

އަދި އެގޮތަށް ގާނޫނަށް ބަދަލު ނުގެނެސްފި ނަަމަ، ޕާޓީތައް ދަރަނިވެރިވެ ނެތި ހިނގައިދާނެ ކަމަށް އެނާ ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމް އިން މޯލްޑިވިއަން އަށް ދައްކަންޖެހޭ 3.4 މިލިޔަން ރުފިޔާ ނުދެއްކުމުގެ ސަބަބުން އެ ކުންފުނިން ވަނީ ސިވިލް ކޯޓުގައި އެ ޕާޓީ އާ ދެކޮޅަށް ދައުވާ ވެސް ކޮށްފައެވެ.