09 Jan 2019, 16:36
އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރައިސް ހަޗެސަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރޭލިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެއާއި އޮސްޓްރޭލިއާ ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައި ވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިޙްތިރާމްގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުވެސް ޝައުޤުވެރިވާ ޞަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށާއި މިއީ ކުރިއަށްއޮތް ތާނގައި ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި ޑިމިގްރާތީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ވެސް ރައީސް ވާހަކަ ދައްކަވައިފަ އެވެ. އަދި ކޮރަޕްޝަން ހުއްޓުވުމާއި، ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި އަދި އިންސާނީ ވަޞީލަތް ހަރުދަނާކުރުމަކީ އޮސްޓްރޭލިއާ އާއި ގުޅިގެން ހައްލުކުރަން ބޭނުންވާ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމެވެ. އަދި ދިވެހި ސަރުކާރުގެ މި ނިންމެވުމަށް ސަފީރު މަރުހަބާ ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތަން ފެންނާތީ އެކަމަށްޓަކައި އޮސްޓްރޭލިއާގެ ސަފީރު ސަރުކާރަށް ތައުރީފު ކުރެއްވެވިއެވެ.