04 Oct 2011, 14:52
މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެސްޕާނިޔޯލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި މަގްސަދު ހާސިލުވި ކަމަށް އެ މެޗުގައި ހެޓްރިކެއް ފުރިހަމަ ކުރި އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ބުނެފިއެވެ.
ކުރިން އާންމުކޮށް ރެއާލް މެޑްރިޑްގެ ފުރަތަމަ އެގާރައިން ފެންނަމުންދާ ހިގުއައިން އަށް ޖާގަ ގެއްލިގެން ދިޔައީ މިދިޔަ އަހަރު ނޮވެމްބަރު މަހު ކުރިމަތިލާން ޖެހުނު ދިގު އަނިޔާގެ ސަބަބުންނެވެ. ނަމަވެސް އޭޕްރީލް މަހު އަނިޔާއިން ސަލާމަތްވި ހިގުއައިން އާދީއްތަ ދުވަހު އެސްޕާނިޔޯލް އާއި ދެކޮޅަށް ރެއާލް ކުޅުނު މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައިވެއެވެ. އެމެޗުގައި ހިގުއައިން ވަނީ މޮޅު ކުޅުމެއް ދައްކާ ހެޓްރިކެއް ވެސް ފުރިހަމަ ކޮށްފައެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. ކުޅުމަށް އެނބުރި އައުމަށް އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަހަލަ މެޗެއްގައި ދެއްކުނު ކުޅުމާމެދު އުފާކުރަން. އެމެޗުގައި ފުރިހަމަ ވަގުތު ހަމަ ވަގުތު ހަމަކުރެވުމަކީ އަހަރެންނަށް ލިބުނު އިތުރު ހިތްވަރެއް." ހިގުއައިން ބުންޏެވެ.
އުމުރުން 23 އަހަރުގެ ހިގުއައިން ވަނީ އެސްޕާނިޔޯލް ކޮޅަށް މެޗުގެ 17 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ދެވަނަ ހާފުގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށް، ހެޓްރިކް ފުރިހަމަ ކޮށްފައެވެ. 4-0 ގެ ނަތީޖާއަކުން އެސްޕާނިޔޯލް އަތުން ރެއާލް މޮޅުވި މެޗުގައި ތިންވަނަ ލަނޑު ޖެހީ އެސްޕާނިޔޯލްގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ކާލެޖޮން އެވެ.