09 Jan 2019, 15:09
ވޮޝިންޓަން(ޖެނުއަރީ 9): އެމެރިކާގެ އަރިޒޯނާގައި ހުންނަ ބަލި މީހުން ބަލަހައްޓާ ނާސިން ހޯމްއެއްގައި އެއްވެސް ހަރަކާތެއް ނުކުރެވޭ އަންހެނަކު ވިހެއި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ފީނިކްސްގައި ހުންނަ، ހަސިއެންޑާ ހެލްތްކެއާގައި ވިހެއި އަންހެން މީހާއަކީ އެތަނުން ފަރުވާދޭތާ 10 އަހަރު ވެފައިވާ މީހެކެވެ. އަދި މިދިޔަ މަހުގެ 29ގައި އެއަންހެން މީހާ ވިހެއި އިރު، އޭނާ ބަލިވެއިންކަން އެއްވެސް މީހަކަށް ނުވެސް އެނގެ އެވެ.
"އެއަންހެންމީހާ ވިހަން ދެން ކްލިނިކުގެ އެއްވެސް މުވައްޒަފަކަށް ނޭނގޭ އޭނާ ބަލިވެ އިން ކަމެއް،" ފީނިކްސްގެ ނޫހަކަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
އެމައްސަލައާ ގުޅިގެން ހަސިއެންޑާ ހެލްތްކެއާގެ ސީއީއޯ ބިލް ޓިމަންސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އެތަނުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓު ގޭރީ އޯމަން ވަނީ އެހާދިސާ ފުރިހަމައަށް ތަހުގީގެއް ކުރާނެ ކަމަށާއި އެނާސިން ހޯމްގެ ހުރިހާ ބަލި މީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ.
ފީނިކްސްގެ ފުލުހުންވެސް ވަނީ އެހާދިސާ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ. އެގޮތުން ފުލުހުން ވަނީ ހަސިއެންޑާ ހެލްތްކެއާގެ ހުރިހާ ފިރިހެން މުވައްޒަފުންގެ ޑީއެންއޭ ޓެސްޓެއް ހަދަން އެދިފައި ކަމަށް އެނާސިން ހޯމުން ބުންޏެވެ.