ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ހަތަރު މައްސަލައެއް، އެވުރޭޖުކޮށް ކޮންމެ ދުވަހަކު ވެސް މިނިސްޓްރީ އަށް ހުށަހެޅޭ ކަމަށް ޖެންޑާ ފެމިލި އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ޔުނިސެފް ގުޅިގެން މިއަދު ޗަމްޕާ ސެންޓްރަލްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުޑަކުދިންނަށް އަނިޔާ ކުރާ ކަމުގެ މައްސަލަތައް އެ މިނިސްޓްރީ އަށް ހުށަހަޅާ ކަމަށެވެ.

އަދި ވިދާޅުވީ އެ މިނިސްޓްރީ އަށް އެންމެ ގިނައިން ހުށައަޅަމުން ދަނީ ޖިސްމާނީ ހާނިއްކަ އާއި ޖިންސީ ހާނިއްކަ، އަދި އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީ އަށް ހުށަހަޅާ މައްސަލަތަކާ ދޭތެރޭ އިހުމާލު ނުވާނެ ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މުޖުތަމައު ވެސް ތެދުވަން ޖެހޭނެ ކަމަށެވެ.