ކިންޝާސާ(ޖެނުއަރީ 9): ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ރައީސަކު އިންތިހާބު ކުރުމަށް މިދިޔަ މަހުގެ 30ގައި ބޭއްވި ވޯޓުގެ ނަތީޖާ ފާޅު ކުރުން ލަސްވަމުންދާތީ އޮބްޒާވަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފާއިތުވި ދެ އަހަރު ތެރޭ ތިން ފަހަރު މަތިން ބޭއްވުން ލަސްކޮށްފައިވާ އެއިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ހަމަޖެހިފައި އޮތީ މިދިޔަ އާދިއްތަ ދުވަހުގައެވެ. ނަމަވެސް އާދިއްތަ ދުވަހު އެގައުމުގެ އިލެކްޝަން ކޮމިޝަނުން ވޯޓުގެ ނަތީޖާ ހާމަ ކުރުން ވަކި މުއްދަތެއް ނެތް ގޮތަށް ލަސްކޮށްފައެވެ.

އެކޮމިޝަނުން ބުނި ގޮތުގައި ނަތީޖާ އިއުލާން ނުކުރެވެނީ ވޯޓު ގުނާ ނުނިމޭތީ އެވެ.

އޭގެ ސަބަބުން އިދިކޮޅު ރިޔާސި ކެނޑިޑޭޓު މާޓިން ފަޔުލޫ ވަނީ އިންތިހާބުގެ ނަތީޖާ "ފޮރުވުން ހުއްޓާލަން" އިލެކްޝަން ކޮމިޝަނަށް ގޮވާލައްވާފައެވެ. އަދި އެއީ "ބަދަލު ގެނެވޭނެ ނަތީޖާ އެއް ނޫން ކަމަށާއި ވީހާވެސް އަވަހަށް ނަތީޖާ ހާމަ ކުރުމަށް" ގޮވާލައްވާފައެވެ.

މީގެ އިތުރުން އިދިކޮޅު އެހެން ކެނޑިޑޭޓެއް ކަމަށްވާ ފީލިކްސް ޝައިސްކެޑީގެ ޔޫނިއަން ފޯ ޑިމޮކްރަސީ އެންޑް ސޯޝަލް ޕްރޮގްރެސް (ޔޫޑީޕީއެސް)އިން ވަނީ އިންތިހާބު ކާމިޔާބުކޮށްފައި ވަނީ އެޕާޓީގެ ކެނޑިޑޭޓު ކަމަށް ބުނެފައެވެ. އަދި ވެރިކަން ބަދަލު ކުރުމާ ބެހޭ ގޮތުން ރައީސް ޖޯސެފް ކަބީލާ، ޝައިސްކެޑާއާ ބައްދަލު ކުރުމަށް ގޮވާލާފައެވެ.

ކޮންގޯގެ ރައީސްކަން 18 އަހަރުވަންދެން ކުރައްވާފައިވާ ކަބީލާއަށް އެއިންތިހާބުގައި ވާދަ ނުކުރެވެ އެވެ. އޭނާގެ ވެރިކަމުގެ ދެވަނަ ދައުރު ނިމެން ހަމަޖެހިފައި އޮތީ 2016 ވަނަ އަހަރެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ސަރުކާރާއި އިލެކްޝަން ކޮމިޝަނުން އާއްމު އިންތިހާބު ލަސްކޮށްފައި ވާތީ ވެރިކަމުގައި އަދިވެސް ހުންނެވީ ކަބީލާއެވެ.