04 Oct 2011, 14:41
ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ސޮއިކުރައްވައިފި އެވެ.
މުޖުތާޒް ކުރިން ހުންނެވި ޑީއާރްޕީ ދޫކުރައްވައި މިއަދު ޕީޕީއެމަށް ސޮއިކުރެއްވީ މެންދުރު ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޕީޕީއެމް އުފައްދަވަން މަސައްކަތް ކުރައްވާ ކުރީގެ ރައީސް މައުމޫނުގެ ހާޒިރުގައި މުޖުތާޒު ސޮއި ކުރެއްވެވި ނަމަވެސް ޑީއާރްޕީން ވަކިވެވަޑައިގެންނެވި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.
މުޖުތާޒު ސޮއިކުރެއްވި ރަސްމިއްޔާތުގައި މައުމޫންގެ އިތުރުން ޕީއޭގެ ނައިބް ރައީސް އަހުމަދު ނާޒިމްއާއި، ގައުމީ ޕާޓީގެ ނައިބް ރައީސް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ އިތުރަށް ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
~
މިރަސްމިއްޔާތަށް ފަހު މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ވަގުތީ ސްޕޯކްސްޕާސަން އަހުމަދު މަހުލޫފް ވިދާޅުވީ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ކުރިއަށް އޮތް ތާނގައި ވެސް އެ ޕާޓީއަށް ސޮއިކުރައްވާނެކަމަށެވެ.
"މުޖުތާޒަކީ ކުރިންވެސް އަހަރެމެންގެ މީހެއް. މުޖުތާޒް ވަރަށް ބޮޑަށް ޔަގީންކަން ދީފައި އޮތް މިޕާޓީ އުފެއްދުމުން ސޮއިކުރާނެ ކަމަށް ކުރިން މުޖުތާޒްވެސް ވާނުވާ ބަލަން ހުންނެވީ. މިއަދު އަޅުނޑުމެން ވަރަށް އުފާވެއްޖެ މުޖުތާޒް ސޮއިކުރެއްވުމުން،" މަހުލޫފް ވިދާޅުވިއެވެ.
މުޖުތާޒް މިއަދު ސޮއިކުރުމާއި ގުޅިގެން ޕީޕިއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އަދަދު 14 އަށް އެރީއެވެ.