ބަޔަކު ފޮޓޯ ނަގާފައިވަނީ ޖުވެނައިލް ކޯޓުގެ ބޭނުން ނުކުރާ ކޯޓު ރޫމެއްގެ ތެރޭގައި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ކޯޓު ރޫމެއްގައި ބަޔަކު ނަގާފައިވާ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ފޮޓޯތަކަކީ ފަނޑިޔާރުންނާއި ގޭންގްތަކާ ހުރި ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ބައެއް މީހުން ދިޔައީ ބުނަމުންނެވެ.

ޑީޖޭއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖުޑިޝަލް އެކަޑަމީގެ ޗާސެލަރު އަހުމަދު މާޖިދު ވިދާޅުވީ އެ ފޮޓޯތަކަކީ ބޭނުން ނުކުރާތާ އެތައް ދުވަހެއްވެ، އެއްގޮތަކަށްވެސް ބޭނުން ނުކުރާ ކޯޓު ރޫމެއް ކަމަށެވެ.

މާޖިދު ވިދާޅުވީ ކޯޓަށް ހާޒިރުކުރެވޭ މީހުންނާއި ހެކިބަސް ދިނުމަށާއި އެކި ކަންކަމަށް ހާޒިރުކުރެވޭ މީހުންގެ ފޯނު އަތުލަނީ ޝަރީއަތުގެ މަޖިލީހަށް ވަންނަންވީމަ ކަމަށެވެ. އަދި އެ ފޮޓޯތަކަކީ ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ ކުރިން އެތަނުގައި ބައިތިއްބާފައި ތިއްބާ ނަގާފައިވާ ފޮޓޯތަކެއް ކަމަށް މާޖިދު ވިދާޅުވިއެވެ.

" ހެކިބަސް ދިނުމުގެ ކުރިން އެމީހުންގެ ފޯނުތަކާއެކު އެމީހުން ބައިތިއްބާފައި ތިބި ވަގުތެއްގައި. އެ ކޯޓު ރޫމުތެރޭގައި ފޮޓޯ ނަގާފައި އެވަނީ." މާޖިދު ވިދާޅުވިއެވެ.

ނަމަވެސް އެކަން އެހެން ހިނގުމުން މިހާރު ކޯޓުތެރޭގައި އެގޮތަށް އަންނަ ފަރާތްތަކަށް ފޯނު ބޭނުން ނުކުރެވޭގޮތް ހަދާފައިވާ ކަމަށް މާޖިދު ވިދާޅުވިއެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ލީގަލް އޮފިސަރު ފައިސަލް އާދަމް ވިދާޅުވީ ޖުވެނައިލް ކޯޓުގެ އެ ކޯޓު ރޫމަކީ ޝަރީއަތަށް ހާޒިރު ކުރެވެނީ ކުޑަކުދިން ކަމަށް ވާތީ އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ކުދިން ބައިތިއްބާ ކޯޓު ރޫމު ކަމަށެވެ.

" ކޯޓު ރޫމަކަށްވުރެ ބޮޑަށް އެއީ ޝަރީއަތަށް ހާޒިރު ކުރެވޭ ކުދިންނާއި ހެކިންގެ ރައްކާތެރިކަމަށް ބޭނުން ކުރެވޭ އެއް ރޫމު." ފައިސަލް ވިދާޅުވި އެވެ.

އެމައްސަލަ އަދިވެސް ބަލަމުންދާ ކަމަށް ޑީޖޭއޭއިން ބުނެ އެވެ.