އިނގިރޭސި ކްލަބުތައް ކަމަށްވާ އާސެނަލް، ޓޮޓެންހަމް ނޫނީ ލިވަޕޫލަށް ކޯޗުކަން ކޮށްދިނުމަށް މަރުހަބާ ކިޔާނެކަމަށް ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އެންޗޮލެޓީ ބުނެފިއެވެ.

މިވަގުތު އެއްވެސް ކްލަބަކާއި ހަވާލު ނުވެހުރި އެންޗެލޮޓީ އަލުން ޕްރެމިއާ ލީގަށް އެނބުރި އަންނަން ބޭނުންވާ ކަމަށް ބުނެފައިވާއިރު ޕްރެމިއާ ލީގަކީ ކޯޗުކަން ކޮށްދިނުމަށް ފަސޭހަ ލީގު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"އަހަރެން ކޯޗުކަން ކޮށްދޭން ބޭނުމީ ޕްރެމިއާ ލީގުގެ ބޮޑު ކުލަބަކަށް. އޭގެ ކުލަބުތަކުގެ ތެރޭގައި ޓޮޓެންހަމް އާއި ލިވަޕޫލް ހިމެނޭ. އާސެނަލް އާއެކު މިސީޒަނުގައި ވެންގާ އެދަނީ ބޮޑު އުނދަގުލަކާއި ކުރިމަތިލަމުން. އިނގިރޭސި ކޯޗަކަށް ގައުމީ ޓީމު ހަވާލު ކުރަން އުޅޭއިރު، ކުލަބެއްގެ މަގާމު ހުސްވާނެ ކަމަށް ބެލެވޭ،" އެންޗޮލެޓީ ބުންޏެވެ. "ޕްރެމިއާ ލީގަކީ ކޯޗުކަން ކޮށްދިނުމަށް ފަސޭހަ ލީގެއް. އެހެނަކަމުން ކޮންމެ ކޯޗެއްވެސް ބޭނުންވާނެ މިލީގުގެ ކޯޗަކަށް ވުމަށް. ކާމިޔާބު ހޯދުމާއި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ވެސް މިލީގު އިޓަލީ ލީގަށް ވުރެ ފަސޭހަ. މީގެ އިތުރުން ސްޓޭޑިއަމް ތަކުގެ މާހައުލު ވެސް ވަރަށް ހިތްގައިމު. އަހަރެން ޗެލްސީގެ ބެންޗުގައި ހޭދަކުރި ދެ އަހަރު ދުވަސް ދިޔައީ އެއްވެސް އިދިކޮޅު ސަޕޯޓަރެއްގެ އުނދަގޫލަކާއި ނުލާ."

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސާ އެލްކްސް ފާގަސަންއަކީ މޮޅު ކޯޗެއް ކަމަށް ބުނެ އެންޗެލޯޓީ ވަނީ ފާގަސަން އަށް ތައުރީފު ވެސް ކޮށްފައެވެ.

"ފާގަސަން ގިނަ މެޗުތަކެއް ކާމިޔާބު ކުރަމުން ދާގޮތާއި މެދު އަހަރެން ލޯބި ކުރަން. އޭނާ އަކީ މޮޅު ކޯޗެއް. މެން ޔުނައިޓެޑު ގެ ޓީމަކީ ވެސް މޮޅު ޓީމެއް. ފާގަސަން އަކީ ފުޓުބޯޅަ އަކީ ކޮބައިކަން ދަންނަ މަދު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް." އެންޗޮލެޓީ ބުންޏެވެ.

އެންޗޮލެޓީ ވަނީ ޗެލްސީގެ އިތުރުން ގެޖީއަނާ އާއި، ޕާމާ އާއި، ޔުވެންޓަސް އާއި އޭސީ މިލާނަށް ވެސް ކޯޗުކަން ކޮށްދީފައި ވެއެވެ. އެންޗޮލެޓީ ވަނީ ޔުވެންޓަށް އަށް 1999 ވަނަ އަހަރު އިންޓާޓޮޓޯ ކަޕް ކާމިޔާބު ކޮށްދީ، އޭސީ މިލާނަށް 2003 ވަނަ އަހަރުގެ ކޮޕާ އިޓާލިއާ އާއި، 2003 އަދި 2007 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި، ހަމަ އެ ދެއަހަރުގެ ޔޫއެފާ ސުޕަ ކަޕް އާއި، 2004 ވަނަ އަހަރުގެ އިޓަލީ ލީގާއި، ހަމަ އެއަހަރުގެ އިޓަލިއަން ސުޕަ ކަޕް އާއި 2007 ވަނަ އަހަރުގެ ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީ، ޗެލްސީއަށް 2009 ވަނަ އަހަރުގެ ޕްރިމިއާ ލީގާއި، އެއަހަރުގެ އެފްއޭ ކަޕުގެ އިތުރުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްދީފައެވެ.