ބޭންކޮކް(ޖެނުއަރީ 9): އާއިލާއަށް ފިލައިގެން ތައިލޭންޑަށް ދިޔަ ސައުދީ އަރަބިއާގެ ރަހަފް މުހައްމަދު އަލް ގުނޫނުގެ "ފުރާނަ ސަލާމަތް ކުރެވުނީ" ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކުން ފޮނުވި އެތައް ހާސް މެސެޖުތަކުގެ ސަބަބުން ކަމަށް ރަހަފްގެ އެކުވެރިއަކު ބުނެފިއެވެ.

އޮސްޓްރޭލިއާގައި ހުރި ނޫރާ އަލް ހަރުބީ ބުނި ގޮތުގައި ރަހަފް މިވަގުތު ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. ނަމަވެސް އޮންލައިންކޮށް ގިނަ އަދަދެއްގެ މީހުން ފޮނުވާ މެސެޖުތަކުގެ ސަބަބުން އޭނާއަށް ހިތްހަމަޖެހުން ލިބެއެވެ.

"އިއްޔެ (ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކުގެ ސަބަބުން) ރަހަފްގެ ދިރިއުޅުން ވަނީ ބަދަލުވެފަ. ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކާއި މީޑިއާ އަކީ އިއްޔެ ރަހަފްގެ ފުރާނަ ސަލާމަތް ކުރި މީހުން،" ނޫރާ ބުންޏެވެ.

ނޫރާ ބުނި ގޮތުގައި އޭނާވެސް ވަނީ ރަހަފްއާ އެއްގޮތް ތަޖުރިބާއެއް ކޮށްފައެވެ. އެގޮތުން އޭނާވެސް އޮސްޓްރޭލިއާއަށް ދިޔައީ ސައުދީ އަރަބިއާގައި ތިބި އޭނާގެ އާއިލާގެ މެމްބަރުންގެ އަނިޔާއިން ސަލާމަތްވުމަށެވެ. ރަހަފް އެކޭ އެއްގޮތަށް ނޫރާވެސް ދަނީ އޮސްޓްރޭލިއާގެ ހިމާޔަތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ނޫރާ ވަނީ ސައުދީން ފިލައިގެން ދިޔަ އެހެން އަންހެނެއް ކަމަށްވާ ދީނާ އަލް ލަސްލޫމްގެ ވާހަކަވެސް ހިއްސާކޮށްފައެވެ. ނޫރާ ބުނި ގޮތުގައި ދީނާ ފިލައިގެން ދިޔައީ ފިލިޕީންސްއަށެވެ. ނަމަވެސް އެގައުމުން އޭނާ ސައުދީއަށް އަނބުރާ ފޮނުވާލުމުން، އޭގެ ފަހުން ދީނާއަށް ވީގޮތެއް ނޭނގެއެވެ.

"ރަހަފްއަށް (ސޯޝަލް މީޑިއާއިން) ލިބުނު ހިތްވަރު ދީނާއަކަށް ނުލިބޭ. އެހެންވެ އޭނާ ސައުދީއަށް ފޮނުވާލެވުނީ. ދީނާ ވަނީ ގެއްލިފައި،" ނޫރާ ބުންޏެވެ.

ތައިލޭންޑުގެ އިމިގްރޭޝަނުން އިއްޔެ ވަނީ ރަހަފްއަށް އެގައުމުގައި ހުރުމުގެ ހުއްދަ ދީފައެވެ. އަދި މިހާރު އޭނާ ހުރީ އދ.ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު)ގެ ބެލުމުގެ ދަށުގައެވެ.

ރަހަފް ތައިލޭންޑަށް ދިޔައީ ކުވޭތުގައި އާއިލާއާ އެކު ޗުއްޓީ ހޭދަ ކުރަން ގޮސް ހުރެފައެވެ. އޭނާ ވަނީ އޭނާގެ އާއިލާއަކީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރާ ބަޔެއް ކަމަށާއި ތައިލޭންޑަށް ފިލައިގެން ދިޔައީ އާއިލާގެ އަނިޔާއިން ސަލާމަތްވުމަށް ކަމަށް ބުނެފައެވެ.

ތައިލޭންޑުން ފުރަތަމަ މަސައްކަތް ކުރީ ރަހަފް އޭނާގެ އާއިލާ ކައިރިޔަށް، ކުވޭތަށް ފޮނުވާލާށެވެ. ނަމަވެސް ރަހަފް ވަނީ އޭނާ އަނބުރާ ފޮނުވާލައިފި ނަމަ ސައުދީގައި އޭނާ ހައްޔަރުކުރާނެ ކަމަށް ބުނެފައެވެ. އަދި ޖަލުން ދޫކޮށްލުމާ އެކު އޭނާ މަރާލާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެ ބޭންކޮކުން ފުރަން ދެކޮޅު ހަދާފައެވެ.

އެތުހުމަތުތަކާ ބެހޭ ގޮތުން ރަހަފްގެ އާއިލާއިން ވަކި އެއްޗެކޭ ނުބުނެއެވެ.