08 Jan 2019, 22:55
ޗެނަލް 13 ގެ ކުރީގެ ނޫސްވެރިޔާ އާމިނަތު ލަޔާލް މަނިކް ދިރުއުޅޭ ހ. ދޮންއަންނާރުގެ ފުލުހުން ބަލާ ފާސްކުރަން ފަށައިފިއެވެ.
ލަޔާލް ސަން އަށް މައުލޫމާތު ދެމުން ބުނީ މިރޭ 8:00 އެހައިކަންހާއިރުން ފެށިގެން އޭނާ ދިރިއުޅޭގެ ފުލުހުން ފާސްކުރަމުން އަންނަ ކަމަށެވެ.
"އެމީހުން އައިސް ފުރަތަމަ ވަނީ އަޅުގަނޑުގެ މަންމަ އުޅޭ އެންމެ ތިރީބަޔަށް. ދެން އެހީ ކޮބާހޯ ލަޔާލް. އަދި މިިގެއަށް ވަދެ އުޅެނީ ކޮންބައެއްތޯ. ދެން ދިޔަގޮތަށް ގޮސް ވަނީ ފަސްވަނަބުރިއަށް. އެ ބަޔަކީ ކުއްޔަށްދީފައި ހުންނަ ބައެއް އަޅުގަނޑު އުޅެނީ ދެވަނަ ބުރިގައި،" ލަޔާލް ބުންޏެވެ.
ލަޔާލް ބުނީ ފުލުހުން އައިސް ފާސްކުރަމުންގެންދަނީ ކޯޓު އަމުރެއްގެ ދަށުން ކަން ވެސް ނޭނގޭ ކަމަށެވެ.
"އަޅުގަނޑަކަށް ނުދައްކާ ކޯޓު އަމުރެއްވެސް. ދެން ގޮތް ނޭނގޭ ބަޔަކުވެސް އެބަ ވަދޭ އެބަޔަށް. އެއީ އެބައިގައި ކުރިން އުޅޭ ބައެއް ނޫން،" ލަޔާލް ބުންޏެވެ.
ލަޔާލް ބުނީ ފަހަކަށް އައިސް ފުލުހުން އޭނާ މަގުމަތީ އުޅޭއިރުވެސް ހުއްޓުވައި ވަރަށް ގިނައިން ފާސްކުރަމުންގެންދާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި ހ. ދޮންއަންނާރުގެ ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަތިވެރި ދާއިރާއަށް ވާދަކުރުމުގެ ޓިކެޓު ޕީޕީއެމް އިން ވަނީ އޭނާ އަށް ދީފައެވެ. އެ ދާއިރާއަށް އޭނާ ވާދަކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައެވެ.