ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ބަލައި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

އެ ކޮމިޝަނުން ބަލަން ނިންމާފައި ވަނީ 2012 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 ގެ ނިޔަލަށް، ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން ތަޙުޤީޤު ކުރެވިފައިނުވާ މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކޮށްފައިނުވާ މައްސަލަތައް ހުރިކަމަށް ފާހަގަކުރެއްވޭނަމަ، އެފަދަ މައްސަލަތަކުގެ މަޢުލޫމާތު، 24 ފެބުރުވަރީ 2019 ގެ 14:00 ގެ ކުރިން، ލިޔުމަކުން، އެ ކޮމިޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ، ކޮމިޝަނަށް ހުށަހަޅަން ބޭނުންވާ މައްސަލަތައް ފޮނުވާނީ، އެ ކޮމިޝަނަށް އެޑްރެސްކޮށް، ޣާޒީ ބިލްޑިންގުގައި ހުންނަ މި ކޮމިޝަނުގެ އޮފީހަށް ކަމަށެވެ. އީމެއިލްގެ ޒަރީއާއިން މައްސަލަ ހުށަހަޅުއްވަން ބޭނުންވާނަމަ،[email protected]އަށް މައުލޫމާތު ފޮނުއްވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، މި ކޮމިޝަނުގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭގޮތަށް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާނެ ކަމަށް ކޮމިޝަނުގެ އިއުލާނުގައިވެ އެވެ.