08 Jan 2019, 18:41
ހިއުމަން ރައިޓްސް ކޮމިޝްން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނެރުނު ބަޔާނާ މެދު ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފިއެެވެ.
އެޗްއާރުސީއެމުން މިއަދު ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އިތުރަށް ބެލި ބެލުމުން އެނގުނީ، އޭނާ ޖަލަށް ގެންގޮސްފައި ވަނީ އައިޖީއެމްއެޗުގެ ޔޫރިލޮޖީގެ ހާއްސަ ޑޮކްޓަރު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ނޫން ކަމަށެވެ.
އެކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު "ސަން" އަށް ވިދާޅުވީ، އެ ބަޔާނާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެ ބަޔާނާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަަމަށެވެ.
އެއީ ކޮން ކަހަލަ ކޮންބޮޑުވުމެއްތޯ އެއްސެވުމުން ނަޒީރު ވިދާޅުވީ، މި ވަގުތަށް އެކަމަށް ކޮމެންޓެއް ނެތް ކަމަށެވެ. އަދި އެކަމާ މެދު އެއްޗެކޭ ބުނަން އެންގޭނީ އެކަމުގެ ފުރިހަމަ މައުލޫމަތު އެއްކުރުމުން ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ ވިސްނުމަކީ ހުރިހާ ފަރާތްތަކެއްގެ އިންސާނީ ހައްގުތައް ކަށަވަރު ކުރަން، އެކަމާ ގުޅޭ މައުލޫމާތުތައް ސާފު ކުރުމުން އެކަމާ ގުޅޭ ގޮތުން [ހުރި ކަންބޮޑުވުންތަކާ މެދު] އިތުރު ތަފްސީލެއް ދެވޭނީ،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ، ހޯމް މިނިސްޓްރީއާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ޖަލު ބަންދުގައި ތިބި މީހުން ހިމެނޭ ގޮތަށް ހުރިހާ ރައްޔިތުންގެ އިންސާނީ ހައްގުތައް، ގާނޫނާ ގަވާއިދުގެ ތެރެއިން ފުރިހަމައަށް ކަށަވަރުކޮށް ދިނުމަށް ކަމަށެވެ.
އަދީބު ޖަލަށް ބަދަލު ކުރިތާ ތިން ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ އިމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ.