08 Jan 2019, 20:31
އަންކާރާ (ޖެނުއަރީ 8): ތުރުކީ ކައިރިން ދަތުރު ކުރަމުން ދިޔަ ޕެނަމާގެ ދިދަ ޖަހާފައިވާ ކާގޯ ބޯޓެއް އިއްޔެ ފެތި، އޭގައި ތިބި ހަ މީހަކު މަރުވެއްޖެ އެވެ.
ތުރުކީގެ އުތުރުގައި އޮންނަ ސަމްސަން ޕްރޮވިންސުގެ ގަވަރުނަރު އުސްމާން ކައިމަކު ވިދާޅުވި ގޮތުގައި އެބޯޓުން ވަނީ އިއްޔެ ހެނދުނު ޑިސްޓްރެސް ސިގްނަލެއް ފޮނުވާފަ އެވެ. އަދި ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމަށް އެގައުމުގެ ކޯސްޓް ގާޑުން ދިޔުމުން ސަލާމަތް ކުރެވުނީ އޭގައި ތިބި 13 މީހުންގެ ތެރެއިން ހަތް މީހުންނެވެ.
ގަވަރުނަރުގެ އޮފީހުން ވަނީ އެ ހަތް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭގެ ތެރޭގައި ޔޫކްރެއިންގެ ނުވަ މީހަކާއި އަޒަރުބައިޖާންގެ ދެ މީހަކާއި ރަޝިއާގެ ދެ މީހަކު ހިމެނޭ ކަމަށް ބުނެފަ އެވެ.
ނަމަވެސް ރަޝިއާއިން ވަނީ އެބޯޓުގައި އެގައުމުގެ ބަޔަކު ނެތް ކަމަށް ބުނެފަ އެވެ. އަދި ޔޫކްރެއިންއިން ވަނީ ބޯޓުގައި އެގައުމުގެ 11 މީހުން ތިބި ކަމަށް ބުނެފަ އެވެ.
އުސްމާން ވިދާޅުވި ގޮތުގައި ބޯޓު ފެތުނީ މޫސުން ގޯސްވެ، ބޯޓަށް ގެއްލުންވުމުގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.