08 Jan 2019, 16:50
ކޯޓުތަކުގެ ފަނޑިޔާރުންނާއި ގޭންގްތަކާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ދެއްކެވި ވާހަކަ ތަހުގީގު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ޖޭއެސްސީއިން ބުނީ އެ ކޮމިޓީ އެކުލަވާލީ ސުއޫދު ދެއްކެވި ވާހަކައިގެ ހަގީގަތް ދެނެގަތުމަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު ލިބިފައިވަނީ ޖޭއެސްސީއަށް ކަން ފާހަގަކޮށް އެކޮމިޝަނުން ބުނީ ސުއޫދު އާންމު ކުރި އެ މައުލޫމާތު ކޮމިޝަނާ ހިއްސާ ނުކޮށް މީޑިއާއަށް އާންމު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
" ޝަރުއީ ދާއިރާގެ ހުރުމަތާއި ރައްކާތެރި ކަމަށް ހުރަސްއެޅޭ، އަދި ފަނޑިޔާރުންނާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނުރުހުމާއި ނުތަނަވަސްކަން އުފެދޭ މިފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށް މި ކޮމިޝަނުން އިލްތިމާސްކުރަން،" ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ސުއޫދު ދެއްކެވި ވާހަކަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލި ކަމަށް ޖޭއެސްސީން ބުނި ނަމަވެސް އެ ކޮމިޓީގައި ތިބެނީ ކޮންކޮން ބައެއްކަން ހާމައެއް ނުކުރެ އެވެ.
ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާހިމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވުނު ކަމަށެވެ.
"ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުގެ މައްޗަށް ފޯރާފައި އެބަ ހުރި. ހެކިން ހާޒިރު ކޮށްފައި ތިއްބާ ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަ ހުރި. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަ ހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައި އެބަ ހުރި،"
އޭނާ ވިދާޅުވީ، "ގޭންގު"ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި "ގޭންގު"ތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ "ގޭންގު"ތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަމަށެވެ.
"ހަގީގަތުގައި ޝަރުއީ މަރުހަލާ އެބިއުޒް އެ ކުރެވެނީ. އޮބްސްޓްރަކްޝަން އޮފް ޖަސްޓިސް އެއްގޮތަކުން ބަލަންޏާ އެއީ،" ސުއޫދު ވިދާޅުވިއެވެ.