ރާއްޖޭހެ ހުރިހާ ޓެކްސީ ޑްރައިވަރުންނަށް ކުއްލި ހާލަތްތަކުގެ ދޭނެ ފުރަތަމަ ފަރުވާ ނުވަތަ ފަސްޓް އެއިޑް ދަސްކޮށްދޭން ނިންމައިފިއެވެ.

އެ ހިދުމަތް މާލޭގައި ތައާރާފް ކުރުމަށް މިއަދު ހަވީރު ސްޓެލްކޯގައި ހާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވައިފައެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް މާލޭގައި ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖެ ތެރެއަށްވެސް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ މޯލްޑިވްސް ރެޑް ކްރެސެންޓް އަދި ސެންޓަ ފޯ ފުޑް ސޭފްޓީ އެންޑް ޕަބްލިކް ހެލްތުގެ ބޭފުޅުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށް ހިންގާ ފަސްޓްރެސްޕޮންޑާރ ޓްރެއިނިންގް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ޕޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެ ޕްރޮގްރާމްގައި ދަށުން މަގުމަތީގައި ދިމާވާ އެކި އެކި ހާދިސާތަކުގައާއި އަދި އެނޫންވެސް ކުއްލި ނުރައްކާތެރި ހާދިސާތަކުގައި އަނިޔާ ލިބޭނެ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދެވޭނެ ގޮތް ދަސްކޮށްދެވޭނެ ކަަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އިސްކަން ދޭނީ ދިމާވާ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަަކާއި އަދި ހޭނެތިފައި ތިބި މީހުންނަށް އަމަލުކުރާނެ ގޮތްތަކާއި އަދި ސީޕީރު ދޭނެ ގޮތް ދަސްކޮށްދިނުމާއި އަދި ފިހިފައި ތިބޭނެ މީހުންނާ މެދު އަމަލުކުރާނެ ގޮތްތަކުގެ އިތުރުން ބަލިމީހުން ގޮވައިގެން ދަތުރުކުރާއިރު ސަމާލުވާން ޖެހޭނެ ކަންތައްތައް ދަސްކޮށްދިނުމަށް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިއަދު ފެށި ޕްރޮގްރާމްއަކީ ނުހަނު ބޭނުންތެރި ޕްރޮގްރާމެއް ކަމަށެވެ.

"މަގުމަތީ އެކްސިޑެންޓްތަކުގައި ޒަހަމްވާ ފަރާތްތަކުގެ ހާލަތު އިތުރަސް ގޯސްނުވެ ނުދީ ސިއްހީ ހިދުމަތް ފޯރުކޮށްދެވޭ ތަނަކަށް ޒަހަމްވެފަައިވާ ފަރާތްތައް ގެންގޮސްދެވެންދެން އެމީހުންނަށް ފަރުވާ ދިނުމަކީ ވަރަށް މުހިންމު ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.