08 Jan 2019, 16:09
ޚަރްތޫމް (ޖެނުއަރީ 8): ސޫދާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި 800 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު އަހުމަދު ބިލާލް އުސްމާން ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 19ގައި އެމުޒާހަރާތައް ފެށީ ސޫދާންގެ ސަރުކާރުން ޕާނެއްގެ އަގު އެއް ސޫދަނީސް ޕައުންޑުން ތިން ޕައުންޑަށް (0.02 ޑޮލަރުން 0.06 ޑޮލަރަށް) މަތި ކުރުމުންނެވެ.
އިއްޔެ ސޫދާންގެ ޕާލިމެންޓަށް މައުލޫމާތު ދެއްވަމުން އުސްމާން ވިދާޅުވި ގޮތުގައި އެގައުމުގެ މުޒާހަރާތަކުގައި މިހާތަނަށް 816 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމުޒާހަރާތަކުގައި 118 އިމާރާތަށާއި 194 އުޅަނދަށް ގެއްލުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމުޒާހަރާތައް ފެށީ ސުލްހަވެރިކޮށް. ނަމަވެސް ބައެއް މީހުން ވަނީ ލޫޓުވުމަށާއި ވައްކަން ކުރުމުގެ ބޭނުމުގައި މުޒާހަރާގައި ބައިވެރިވެފައި،" އުސްމާން ވިދާޅުވި އެވެ.
އެމުޒާހަރާތަކުގައި ޑޮކްޓަރުންނާއި ނޫސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ރައީސް އުމަރު އަލް ބަޝީރު އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ސޫދާންގެ ޕައުންޑުގެ އަގު ވެއްޓި، ގައުމުގެ އިންފްލޭޝަން ރޭޓު ވަނީ 70 ޕަސެންޓަށް އަރާފަ އެވެ. އަދި ގިނަ ސިޓީތަކަށް ބޭނުންވާ ވަރަށް ކާނާ އާއި ތެޔޮ ނުލިބޭ މައްސަލަ ވަނީ އާންމުވެފަ އެވެ.