ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރު ގޭ ބަންދުގައި ހުއްޓައި އަނބުރާ ޖަލަށް ބަދަލުކޮށްފައި ވަނީ ޑޮކްޓަރުންގެ ލަފަޔާ ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝްން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމުން މިއަދު ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އިތުރަށް ބެލި ބެލުމުން އޭނާ ޖަލަށް ގެންގޮސްފައި ވަނީ އައިޖީއެމްއެޗުގެ ޔޫރިލޮޖީގެ ހާއްސަ ޑޮކްޓަރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ކަރެކްޝަން ސާވިސް އިން އަމަލުކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން، ކަސްރަތުކޮށް ފިޓްކޮށް ހުރުމަށް ދެ މަސް ދުވަސް ސްޓްރެސް ފްރީ މާހައުލެއްގައި އަދި ރިކަވަރީއަށް އާއިލާގެ އެހިތެރިކަމާ އެކު 8-6 ހަފްތާ ހުރުމަށް ޑޮކްޓަރު ވަނީ ލަފާ ދެއްވައިފަ އެވެ.

"އެހެން ކަމުން 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުގައި ހ. ސާމަރާ އަހްމަދު އަދީބު އަބްދުލް ޣަފޫރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ކ. މާފުށީ ޖަލަށް ގެންގޮސްފައި ވަނީ ޑޮކްޓަރުންގެ އިރުޝާދުތަކާއި ހިލާފަށްކަން މި ކޮމިޝަނުގެ ތަހްގީގަށް ވަނީ ފާހަގަކުރެވިފައި،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި އައިޖީއެމްއެޗުން ދީފައިވާ ލިއުންތަކުގެ އިތުރުން ޑޮކްޓަރުންނާއި އެޗްއާރުސީއެމުން ބައްދަލުކޮށްފައިވާ ކަން ވަނީ އެ ސީޓީގައި ފާހަގަކޮށްފަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ އިތުރުން ހުކުމް ތަންފީޒު ކުރާ މީހުން އަމަލުކުރަން ޖެހޭ މެޑިކަލް ގަވާއިދާއި ހަވާލާދީ އެޗްއާރުސީއެމްގެ ސިޓީގައި ބުނެފައި ވަނީ، ގައުދީ ނުވަތަ ބަންދުގައިވާ މީހެއްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ފަރުވާދޭ ޑޮކްޓަރު ވަކި ގޮތަކަށް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަކީ ކަރެކްޝަންގެ ޒިންމާއެއް ކަމުގަ އެވެ.

ޓެރަރިޒަމާއި ޚިޔާނާތާ އެކު ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބު ގޭބަންދަށް ބަދަލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އޭނާގެ ސިއްހީ ހާލަތު ގޯސްވެ އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ކުރި އޮޕަރޭޝަނަށްފަހު އެވެ.

ގޭބަންދުގައި ހުންނެވިއިރު އަދީބު ވަނީ އަލަށް އުފެއްދި ސިޔާސީ ޕާޓީ އެމްޓީޑީއަށް ސޮއި ކުރައްވައިފަ އެވެ. އަދި އެ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް ވެސް އަދީބު ވަނީ އައްޔަން ކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އެއީ ބާތިލު ނިންމުމެއް ކަމަށެވެ. ސަބަބަކީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި ހުރުން ފިޔަވައި، ޕާޓީގެ އެއްވެސް މަގާމަށް ނާދެވޭނެ ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އަދީބު ޖަލަށް ބަދަލު ކުރިތާ ތިން ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެމްޖެންސީގައި މާލެ ގެނައިސް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.