08 Jan 2019, 13:20
ރަށްރަށުގައި ހުންނަ އާސާރީ ތަންތަނުގެ މައުލޫމާތު އެ ރަށްރަށުގެ ވެބްސައިޓުތަކުން ލިބޭނެގޮތް ހަދައި އެ ރަށްރަށުގެއި އެފަދަ ސެންޓަރުތަކެއް ހަދަން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ތޯރިގް ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ ކޮންމެ ރަށަކުންވެސް އެރަށުގެ ހުރިހާ މައުލޫމާތު ލިބެނޭ ގޮތަށް ވެބްސައިޓެއް ހެދުން ކަމަށެވެ.
އަދި އެކި ރަށްރަށުގެ މައުލޫމާތަކީ ހަމައެކަނި އެރަށްރަށާ ބެހޭގޮތުން ނެޝެނަލް އާކައިވްއާ ބެހޭގޮތުން ރައްކާކޮށްފައިވާ މައުލޫމާތެއް ކަމުގައި ވެގެން ނުވާނެ ކަަމަށެވެ.
" މިސާލަކަށް ލަންދޫ މާބުދުގެ. މާބުދުގެއާ ބެެހޭގޮތުން މައުލޫމާތު ހޯދަން ކޮންމެހެން ހެރިޓޭޖް ޑިޕާޓްމަންޓްގެ މިނިސްޓްރީއަށް އަންނަން ޖެހިގެން ނުވާނެ. ހަމަ ލަންދޫ ވެބްސައިޓަށް ވަނީމަ ލިބެން ޖެހޭނެ. ލަންދޫ މާބުދުގެ ސަރަހައްދުން ފެނުނު ގަލާއި އެއެއްޗެހީގެ މިސާލަކަށް އޮރިޖިނަލް ހުރެދާނެޔޭ ގައުމީ ދަރުލް އާސާރުގައި" ތޯރިގު ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ އެ މިނިސްޓްރީގެ ވިސްނުން ހުރީ ބޮޑެތި އާސާރުތައް ހުރި ރަށްރަށުގެ އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ އިތުރުން އެތަންތަނުގެ މައުލޫމަތު ދެވޭނެ ކުޑަވަރެއްގެ ސެންޓަރުތަކެއް ގާއިމްކުރުން ކަމަށެވެ.
އަދި އެފަދަ އާސާރީތަންތަނުން ފެނުނު އާސާރީ ތަކެތި މިހާރު ދާރުލް އާސާރުގައި ހުރިނަމަވެސް އެތަކެތީގެ ނަކަލު އެ ރަށްރަށުގެ ސެންޓަރުތަކުން ފެންނަން ހުންނަ ގޮތް ހެދުން ކަމަށެވެ.