ބޭންކޮކް (ޖެނުއަރީ 19): އާއިލާއަށް ފިލައިގެން ތައިލޭންޑަށް ދިޔަ ސައުދީ އަރަބިއާގެ 18 އަހަރުގެ ކުއްޖާއަށް އެގައުމުގައި ހުރުމުގެ ހުއްދަ ދީފި ކަމަށް ތައި އިމިގްރޭޝަން އޮފިސަރުން ބުނެފި އެވެ.

ތަައިލޭންޑުގެ ޗީފް އޮފް އިމިގްރޭޝަން ސުރަޗަތޭ ހަކްޕާން ވިދާޅުވި ގޮތުގައި ރަހަފް މުހައްމަދު އަލް ގުނޫނަށް މިހާރު ވަނީ އެ ގައުމުގައި ހުރުމުގެ ހުއްދަ ދީފަ އެވެ. އަދި އޭނާ މިހާރު ހުރީ އދ.ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު)ގެ ބެލުމުގެ ދަށުގައި ކަމަށް ބުނެފަ އެވެ.

"މިހާރު އެކުއްޖާ ހުރީ ތައިލޭންޑުގައި. އެއްވެސް މީހަކަށް އަދި އެއްވެސް އެމްބަސީއަކަށް އޭނާ އެހެން ތަނަކަށް ދާން މަޖުބޫރު ނުކުރެވޭނެ. މިގައުމުން އެއްވެސް މީހަކު މަރުވާން ނުފޮނުވާނެ،" ހަކްޕާން ވިދާޅުވި އެވެ.

ރަހަފް ތައިލޭންޑަށް ދިޔައީ ކުވޭތުގައި އާއިލާއާ އެކު ޗުއްޓީ ހޭދަ ކުރަން ގޮސް ހުރެފަ އެވެ. އޭނާ ވަނީ އޭނާގެ އާއިލާއަކީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރާ ބަޔެއް ކަމަށާއި ތައިލޭންޑަށް ފިލައިގެން ދިޔައީ އާއިލާއިން ސަލާމަތްވުމަށް ކަމަށް ބުނެފަ އެވެ.

ރަހަފް މަސައްކަތް ކުރީ ބޭންކޮކުން އޮސްޓްރޭލިއާއަށް ގޮސް އެގައުމުގެ ހިމާޔަތް ހޯދާށެވެ. ނަމަވެސް ހޮނިހިރު ދުވަހު އޭނާ ބޭންކޮކް އެއާޕޯޓަށް ދިޔަ ތަނުން އޭނާގެ ދަތުރަށް ބޭނުންވާ ލިޔެކިޔުންތައް އަތުލި ކަމަށް ރަހަފް ބުންޏެވެ.

ތައިލޭންޑުން ފުރަތަމަ މަސައްކަތް ކުރީ ރަހަފް އޭނާގެ އާއިލާ ކައިރިޔަށް، ކުވޭތަށް ފޮނުވާލާށެވެ. ނަމަވެސް ރަހަފް ވަނީ އޭނާ އަނބުރާ ފޮނުވާލައިފި ނަމަ ސައުދީގައި އޭނާ ހައްޔަރުކުރާނެ ކަމަށް ބުނެފަ އެވެ. އަދި ޖަލުން ދޫކޮށްލުމާ އެކު އޭނާ މަރާލާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެ ބޭންކޮކުން ފުރަން ދެކޮޅު ހަދާފަ އެވެ.

އެތުހުމަތުތަކާ ބެހޭ ގޮތުން ރަހަފްގެ އާއިލާއިން ވަކި އެއްޗެކޭ ނުބުނެ އެވެ.