ސައުތު އޭޝިޔާ ސަރަހައްދުގެ ފީފާ ރޭންކިންގެ އެންމެ ކުރީގައި އޮތް ނޭޕާލް، ހަތް ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ފަރިތަކުރަން ފަށައިފި އެވެ. މިދިޔަ ހޮނިހިރު ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ފިލިޕިންސް އަށް ދަތުރުކުރި ނޭޕާލް ޓީމު ފަރިތަކުރަމުން އަންނަތާ މިހާރު ހަ ހަފުތާ ވެފައިވާ ކަމަށް ނޭޕާލްގެ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އޭއެފްސީ ޗެލެންޖް ކަޕަށް ކޮލިފައިވެފައިވާ ނޭޕާލް ގައުމީ ޓީމު ވަނީ ޓީމޯ- ލެސްޓޭ އާއި ކުޅުނު އެކުވެރިކަމުގެ މެޗަކުން މޮޅުވެ، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިޔާ ޒޯނުގައި ޖޯޑަން އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސް މޮޅުވެފަ އެވެ. ފީފާ ރޭންކިންގެ ސައުތު އޭޝިޔާ ސަރަހައްދުގެ ގައުމު ތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ނޭޕާލް އެވެ.

އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމުން ބޭރަށް ދަތުރުކުރި ނޭޕާލު ގައުމީ ޓީމުގެ އިނގިރޭސި ކޯޗު ގްރަހަމް ރޮބަޓްސް ބުނީ، މިދަތުރުގެ ސަބަބުން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. "މިދަތުރަކީ އަހަރެމެންނަށް ލިބުނު ރަނުގެ ފުރުސަތެއް. މީގެ ސަބަބުން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ." ރޮބާޓްސް ބުންޏެވެ. އަދި ބުނީ ނޭޕާލްގެ ގައުމީ ކޯޗު ރޮބާޓްސް ބުނީ ފަރިތަކުރުންތައް ކުރިއަށްދަނީ ވަރަށް ފުރިހަމައަށް ކަމަށަވެ.

ހަތްވަނަ ސާފު ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 2 ން 12 ގެ ނިޔަލަށް އިންޑިޔާގެ ނިއުދިއްލީގެ ނެހްރޫ ސްޓޭޑިއަމް ގައެވެ.
"މިފަހަރުގެ ފަރިތަކުރުންތައް ދިޔައީ ކުރީ ފަހަރަށް ވުރެ ރަނގަޅަށް. މިދިޔަ ހަ ހަފްތާ ތެރޭ އަހަރެމެން ވާނީ ވަރަށް ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ފައިވާނެ. މީގެ އިތުރުން، ހަ ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗު ކުޅެފައި ވާނެ." ރޮބާޓްސް ބުންޏެވެ.

ނޭޕާލްގެ ފީފާ ރޭންކިންގް 172 ވަނަ ދަރަޖައިން 134 ވަނަ ދަރަޖައަށް ކުރި އަރުވައިދީފައި ވާނެ ކަމަށާއި މިއަހަރުގެ ސާފު ޗެމްޕިއަންޝިޕް ނޭޕާލަށް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށް ކޯޗު ރޮބާޓްސް ބުންޏެވެ. ނަމަވެސް ނޭޕާލަށް އަދި ސާފް ޗެމްޕިއަން ޝިޕްގެ ތައްޓެއް ހިތްލާލެވިފައެއް ނުވެއެވެ.

"ފީފާ ރޭންކިންގް ގެ މިސަރަހައްދުގެ ޓީމުތަކުގެ އެންމެ ކުރިއަށް ނޭޕާލް މިހާރު މިވަނީ ޖެހިލާފަ. އެހެންކަމުން މުބާރާތް ކާމިޔާބު ކުރުމުގެ ފުރަސަތު ނޭޕާލަށް ބޮޑު." ރޮބާޓްސް ބުންޏެވެ.

އިންޑިއާގައި ސާފް ޗެމްޕިއަންޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު މި މުބާރާތް ބާއްވާފައިވަނީ ބަންގްލަދޭޝް ގައެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ. މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ދެއަހަރުން އެއްއަހަރު ބާއްވާ މިމުބަރާތުގައި ވާދަކުރާ ޓީމުތަކަކީ އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ.

ސާފް ޗެމްޕިއަންޝިޕް ފެށެން ދެ މަހަށްވުރެ ކުޑަތަން ވެފައިވާއިރު، މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަކުރުންތައް އަދި ފެށޭ ގޮތް ވަނީ ނުވެފައެވެ. ޝީޝެލްސްގައި ބޭއްވުނު އަށްވަނަ އިންޑިއަން އައިލެންޑް ގޭމްސް ގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ލިބުނު ނާކާމިޔާބީ އާއި ގުޅިގެން، މިދިޔަ މިމަހު15 ވަނަ ދުވަހު އެފްއޭއެމްގެ އެކްސްކޯ އިން ގައުމީ ޓިމުގެ ކޯޗު ޑިއޭގޯ ކުރުސިއާނީ ވަކިކުރުމަށް ފަހު އަދިވެސް ކޯޗެއް ގެނެވިފައެއް ނުވެއެވެ.

މިފަހަރުގެ ސާފްޗެންޕިއަންސިޕް ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.