މިދިޔަ އަހަރު އަތޮޅުތެރެއިން ފުލުހުންނަށް އެންމެ ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ އައްޑޫ ސިޓީން ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުނަށް 2018 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީީގައި ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސްޕާސަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، 2018 ވަނަ އަހަރު 14،811 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިއަދު ފުލުހުން މީޑިއާއާ ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލެ ފިޔަވައި އަތޮޅު ތެރޭގެ ރަށްތަކުން ހުށަހަޅާފައި ވަނީ 4460 މައްސަލަ އެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ އަތޮޅު ތެރޭގައި އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާ އައްޑޫ ސިޓީންނެވެ. އެ ސިޓީން 843 މައްސަލައެއް މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އެއީ 2017 ވަނަ އަހަރާ އަޅާ ބަލާ އިރު 87 މައްސަލަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު އަތޮޅު ތެރެއިން އެންމެ މަދުން މައްސަލަ ހުށަހަޅާފައި ވަނީ ވ، މ، ފ، ށ، މި އަތޮޅުތަކުންނެވެ. އެ އަތޮޅުތަކުން ހުށަހެޅި މައްސަލަތަކުގެ އަދަދު 100 އަށް ވުރެ މަދެވެ.

  • ވ. އަތޮޅު: 28 މައްސަލަ

  • ފ. އަތޮޅު: 60 މައްސަލަ
  • މ. އަތޮޅު: 78 މައްސަލަ
  • ށ. އަތޮޅު: 88 މައްސަލަ

2017 ވަނަ އަހަރުވެސް އެންމެ މަދުން މައްސަލަ ހުށަހަޅާފައި ވަނީ އެ އަތޮޅުތަކުންކަން ފާހަގަކޮށްލެވެ އެވެ.

އެހެން އަތޮޅުތަކުން 2018 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަކުގެ އަދަދު:

  • ގދ. އަތޮޅު: 388 މައްސަލަ

  • ކ. އަތޮޅު: 376 މައްސަލަ
  • ހދ. އަތޮޅު: 354 މައްސަލަ
  • ޏ. އަތޮޅު: 268 މައްސަލަ
  • ލ. އަތޮޅު: 298 މައްސަލަ
  • ގއ. އަތޮޅު: 247 މައްސަލަ
  • އދ. އަތޮޅު: 193 މައްސަލަ
  • ރ. އަތޮޅު: 187 މައްސަލަ
  • ނ. އަތޮޅު 177 މައްސަލަ
  • ޅ. އަތޮޅު: 170 މައްސަލަ
  • ބ. އަތޮޅު: 155 މައްސަލަ
  • ތ. އަތޮޅު: 155 މައްސަލަ
  • ދ. އަތޮޅު: 139 މައްސަލަ
  • ހއ. އަތޮޅު: 134 މައްސަލަ
  • އއ. އަތޮޅު: 122 މައްސަލަ

2017 ވަނަ އަހަރާ އަޅާ ބަލާ އިރު ހއ، ހދ، ށ، އދ، މ، ދ، ތ، ގއ، ގދ، މި އަތޮޅުތަކުން 2018 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. ނ. އަތޮޅުގައި 2017 ވަނަ އަހަރުވެސް 2018 ވަނަ އަހަރުވެސް މައްސަލަ ހުށަހަޅާފައި ވަނީ އެއް އަދަދަކަށް ކަން ފާހަގަކޮށްލެވެ އެވެ.