08 Jan 2019, 12:11
ދެ ހާސް ސަތާރަ ވަނަ އަހަރާ އަޅާ ބަލާއިރު ދެ ހާސް އަށާރަ ވަނަ އަހަރު ފުލުހުން ބެލި މައްސަލަތަކުގެ އަދަދު މަދު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ސްޕޯކްސްޕާސަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، 2017 ވަނަ އަަހަރާ އަޅާ ބަލާއިރު 2018 ވަނަ އަހަރު، ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، މަސްތުވާތަކެތީގެ މައްސަލަ ފިޔަވައި އެހެން ހުރިހާ ބާވަތްތަކުގެ މައްސަތައް މަދުވެފައިވާ ކަމަށެވެ.
މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޖުމްލަ އަދަދަކީ 14،811 އެވެ. 2017 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައި ވަނީ 15،535 މައްސަލަ އެވެ.
މިިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މައްސަލަ ބަލައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 2050 މައްސަލަ އެވެ. އެއީ 2017 ވަނަ އަހަރާ އަޅާ ބަލާ އިރު 20.39 ޕަސެންޓު މަދު އަދަދެކެވެ.
އިޒްމިއާ ވިދާޅުވީ، 2018 ވަނަ އަހަރު ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ މައްސަލަތައް ކަމަށެވެ.
ފުލުހުން މިއަދު ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2018 ވަނަ އަހަރު ވައްކަމާ ގުޅޭ 3270 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. 2017 ވަނަ އަހަރު ހުށަހަޅާފައި ވަނީ ވައްކަމާ ގުޅޭ 3503 މައްސަަލަ އެވެ. މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު 2018 ވަނަ އަހަރު ހުށަހަޅާފައި ވަނީ 2230 މައްސަލަ އެވެ. 2017 ވަނަ އަހަރު މަސްތުވާތަކެއްޗާ ގުޅޭ 2036 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. 2018 ވަނަ އަހަރު ޓްރެފިކާ ގުޅޭ 2007 މައްސަލައެއް ހުށަހެޅި އިރު 2017 ވަނަ އަހަރު ހުށަހަޅާފައި ވަނީ އެ ބާވަތުގެ 2100 މައްސަލަ އެވެ.
މާރާމާރީ އާއި ފޭރުމުގެ މައްސަލަތަކަށް ބަލާއިރު 2018 ވަނަ އަހަރު މާރާމާރީއާ ގުޅޭ 754 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެއީ 2017 ވަނަ އަހަރާ އަޅާ ބަލާ އިރު 16 މައްސަލަ މަދު އަދަދެކެވެ. 2018 ވަނަ އަހަރު ފޭރުމުގެ 537 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 125 މައްސަލަ މަދު އަދަދެކެވެ.
ފުލުހުން ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ 2017 ވަނަ އަހަރާ އަޅާ ބަލާ އިރު 2018 ވަނަ އަހަރު މާރާމާރީގައި މީހުން މެރި އަދަދުވެސް ވަނީ މަދުވެފަ އެވެ.
2018 ވަނަ އަހަރާއި 2017 ވަނަ އަހަރު އަޅާ ކިޔާ އިރު 2018 ވަނަ އަހަރު:
- މަސްތުވާތަކެތީގެ މައްސަލަތައް: 9 ޕަސެންޓު އިތުރު
- މުދަލައް ގެއްލުން ދިނުމުގެ މައްސަލަތައް: 3.52 ޕަސެންޓު އިތުރު
- މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް: 0.39 ޕަސެންޓު މަދު
- މާރާމާރީގެ މައްސަލަތައް: 2.08 ޕަސެންޓު މަދު
- ޓްރެފިކް އެކްސިޑެންޓުތައް: 4.43 ޕަސެންޓު މަދު
- ވައްކަމުގެ މައްސަލަތައް: 6.65 ޕަސެންޓު މަދު
- ބަދު އަހުލާގީ އަމަލު ހިންގުމުގެ މައްސަލަތައް: 13.67 ޕަސެންޓު މަދު
- ގެވެށި އަނިޔާގެ މައްސަލަތައް: 14.29 ޕަސެންޓު މަދު
- ކައުންޓަފީޓްގެ މައްސަލަތައް: 17.44 ޕަސެންޓު މަދު
- ފޭރުމުގެ މައްސަލަތައް: 18.88 ޕަސެންޓު މަދު