08 Jan 2019, 12:24
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ޕީޕީއެމަށް ތިން މިލިއަން ރުފިޔާގެ ވަގުތު ހިލޭ ދީފައިވާ ކަމަށް ޕީއެސްއެމްއާ އަލަށް ހަވާލުވެ ވަޑައިގެންނެވި މެނޭޖިންގް ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވެއްޖެ އެވެ.
ވޭތުވެ ދިޔަ އަހަރު ރިޔާސީ އިންތިހާބު ދުވަސްވަރު އަދި އޭގެ ކުރިން ވެސް ދައުލަތުގެ މީޑިއާ އިން ޕީޕީއެމްގެ އިވެންޓްތައް ދައްކާތީ އާންމު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު ޕީއެސްއެމްއިން ޕީޕީއެމްގެ އިވެންޓްތައް ދެއްކީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ އިވެންޓްތައް ކަމަށް ބުނެ އެވެ.
އަލީ ހާލިދު 'ސަން' އަށް ވިދާޅުވީ ޕީއެސްއެމްއިން ޕީޕީއެމްއަށް ވަގުތު ދީފައި އޮތީ އެއްވެސް އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށެވެ. އަދި ޕީއެސްއެމްގެ ލޮގް ބެލުމުން 3.1 މިލިއަން ރުފިޔާގެ ވަގުތު ހިލޭ ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އަލީ ހާލިދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ބޮޑެތި ޖަލްސާތަކާއި ނޫސްވެރިންގެ ބައްދަލުވުންތައްވެސް ޕީއެސްއެމްއިން ވަނީ ލައިވްކޮށްފަ އެވެ. އެހެންނަމަވެސް މި ގޮތަށް އެހެން ޕާޓީތަކަށް ފުރުސަތު ދީފައެއް ނުވެ އެވެ.
އަލީ ހާލިދު ވިދާޅުވިގޮތުން ދެން އެފައިސާ ހޯދޭނެ ގޮތެއް ނޯންނާނެ އެވެ. އެއީ އެގޮތަށް ހިލޭ ވަގުތު ދީފައިވަނީ އެއްވެސް އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށް ވާތީއެވެ.
ޕީޕީއެމްގެ އިވެންޓަތަކާއި ޕްރެސްތަކަށް ހިލޭ ވަގުތު ދިން އިރު ޕީއެސްއެމްގެ އެމްޑީއަކަށް ހުންނެވީ އަބްދުﷲ ހަލީލް އެވެ. އަދި ޑެޕިއުޓީ އެމްޑީއަކަށް ހުންނެވީ މުހައްމަދު އިކްރާމް އެވެ.
މުޖުތަމައުގެ މެދުގައި ތަފާތު ކުރުމެއް ނެތި އެންމެނަށް ހަމަ ހަމަ ފުރުސަތު ދީގެން ހިދުމަތް ފޯރުކޮށްދިނުމަކީ ގާނޫނުން ޕީއެސްއެމްގެ މައްޗަށް ލާޒިމް ކުރާ ކަމެކެވެ.