08 Jan 2019, 11:46
ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމުގެ ގޮތުން ޕްރޮފެސަރު ހަސަން އުގެއިލް ފައުންޑޭޝަން އާއި މޯލްޑިވިސް އޯޕަން ސޯސް ސޮސައިޓީ ގުޅިގެން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
"އާރު އެންޑް ޑީ އަލް އެކްސެލެރޭޓާ" ނަމުގައި އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފި އެވެ. މިއީ ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ކޯޑް ޑިވެލޮޕަރުންގެ އިތުރުން އެފަދަ ބެކްގްރައުންޑެއް ނެތް އެހެން ނަަމަވެސް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެފުރުސަތުމިހާރު ވަނީ ހުޅުވާލައިފަ އެވެ.
މިއީ ވިޔަފާރިއާއި އެހެނިހެން މުހިންމު އިންޑަސްޓްރީތަކުގައި ދިމާވާ މުހިންމު މައްސަލަތަކާއި އަދި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ބޭނުންކުރެވޭނީ ކޮންކަހަލަ ޓޫލްސްތަކެއް ބަލައި ހެދުމުގެ ގޮތުން ގާއިމްކުރާ ޕްލެޓްފޯމްއެކެވެ.
އާޓިފިޝަލް އިންޓެލިޖެންސްއަކީ ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން މިހާރު ދުނިޔޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ދާއިރާއެކެވެ. އޭގެ ސަބަބުން އިންސާނުންނަށް ބަރޯސާވުމުގެ ބަދަލުގައި މެޝިންތަކަށް މަސްނުއީ ސިކުނޑިއެއް ލިއްބައިދީ އެ މެޝިންތަކުން ބޮޑެތި ކޮމްޕްލެކްްސް" ކަންތައްތައް ވެސް ކުރުމުގެ ބާރު ލިބިދެ އެވެ.