04 Oct 2011, 13:14
މިފަހަރުގެ އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށް އަލީ އަޝްފާގް (ދަނގަޑޭ) ވާނެ ކަމާމެދު ވަރަށް ބޮޑު ޔަގީންކަން އެބޮތް ކަމަށް ވިބީ ސްޕޯޓްސް ކުލަބްގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ) ބުނެފިއެވެ.
ސީޒަންގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ލަނޑު ލިސްޓުގެ އެންމެ ކުރީގައި ވިކްޓަރީގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އޮތް ނަމަވެސް، އަޝްފާގަށް ވުރެ ކުރީގައި އޭނާ އޮތީ އެއް ގޯލުގެ ތަފާތަކާއެކުއެވެ.
ސީޒަންގައި މިހތާނަށް އޮއްޕޮ ޖެހި ގޯލުގެ އަދަދު 22 އަށް އެރިއިރު، ދެ ވަނާގައި އަޝްފާގް އޮތީ 21 ލަނޑާ އެކު އެވެ.
ސީޒަނުގައި ކުރިއަށް އަދި ގައުމީ މުބާރާތާއި އެފްއޭ ކަޕްގެ ސެމީ ފައިނަލާއި ފައިނަލު މެޗު އެބަ އޮތެވެ. އެހެންކަމުން މި ދެ މުބާރާތުގައި އޮއްޕޮ އަދި ދަގަނޑޭގެ ވާދަވެރިކަން ބޮޑުވެގެން ދާއިރު، ވީބީގެ މެނޭޖަރު ސަތޯބުނީ މި ފަހަރުގެ ރަން ބޫޓުވެސް ދަގަނޑޭ އަށް ލިބޭނެ ކަމަށެވެ.
"މިފަހަރުވެސް އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށް އަޝްފާގުވާނެ ކަމާމެދު ބޮޑު ޔަގީން ކަމެއް އެބޮތް. އެފުރުޞަތު އަދި ދަނގަޑޭއަށް ގެއްލިފައެއް ނެތް. ކުރިއަށް އަދި އެބަހުރި މުހިންމު މެޗްތަކެއް." ސަތޯ ބުންޏެވެ.
ސީޒަންގައި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށް ދުވަހު ނޫސް "ހަވީރު"ގެ ރަންބޫޓު ލިބޭނެ އެވެ.