08 Jan 2019, 09:32
މެލޭޝިއާގައި ދިރިއުޅޭ ދިވެހިން ބޭނުން ކުރާ ދިވެހި ޑްރައިވިން ލައިސެންސް ބަލައިގަތުން ހުއްޓާލަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މެލޭޝިޔާގައި ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސެންސް ބޭނުންކުރުމާ ބެހޭ އުސޫލްތައް ހަރުދަނާ ކުރުމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއިން ފަށާފައިވާ މަސައްކަތްތަކާއި ގުޅިގެން މެލޭޝިޔާގައި ބޭރު ގައުމެއްގެ ޑްރައިވިން ލައިސެންސް ބޭނުން ކުރުމާއި ކޮންވާޓް ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އެ ވުޒާރާއިން، އެމްބަސީއަށް އަންގާފައިވާ ކަމަށެވެ.
އެހެން ކަމުން، އެމްބަސީއިން ދޫކޮށްފައިވާ ލިޔުމާއެކު މެލޭޝިޔާގައި އެއްގަމުގައި ދުއްވާ އުޅަނދު ދުއްވަމުން ގެންދަވާ ހުރިހާ މީހުން އެ ލިޔުން ބޭނުން ކޮށްގެން އިތުރަށް ނުދުއްވުމަށް އެމްބަސީއިން ވަނީ އިސްތިމާސްކޮށްފައެވެ.
އެހެން ނަމަވެސް މެލޭޝިޔާގެ ޑްރައިވިން ސްކޫލެއް މެދުވެރިކޮށް ލައިސެންސް ނަގައިގެން ދުއްވޭނެ ކަމަށާއި، އިންޓަނޭޝަނަލް ލައިސެންސް އޮންނަ ފަރާތްތަކަށްވެސް ދުއްވޭނެ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.
އެމްބަސީން އިތުރަށް ބުނީ، އެ ބަދަލަކީ ހަމައެކަނި ރާއްޖޭގެ ލައިސެންސާ މެދު އަމަލު ކުރާ ގޮތް ބަދަލު ކުރުމުގެ ގޮތުން ގެނައި ބަދަލެއް ނޫން ކަމަށާއި، އެއީ ހުރިހާ ގައުމަކަށް އެއް ހަމައަކަށް އެޅި ފިޔަވަޅެއް ކަމަށެވެެ.
ދިވެހި ލައިސެންސް ބަލައިނުގަންނަން ނިންމުމުން، އެކަމުގެ އަސަރު މެލޭޝިއާގައި ދިރިއުޅޭ ގިނަ ދިވެހިންތަކަކަށް ކުރާނެތީ، ދިވެހި ސަރުކާރުން މިހާރު ގެންދަނީ އެ ކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން ކަމަށްވެސް އެމްބަސީން ބުންޏެވެ.