މީޑިޔާ ކައުންސިލްގެ މެންބަރުން މުސާރައިގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް ލިވިން އެލަވަންސްގެ ގޮތުގައި ނުވަލައްކަ އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލަ ކުށްވެރިކޮށް، އެ ކައުންސިލްގެ މެންބަރުން އިސްތިއުފާދީ ބޯޑު އަލުން އެކުލަވާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން )އެމްޖޭއޭ( އިން ގޮވާލައިފި އެވެ.

އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، މިހާރު އޮތް މީޑިއާ ކައުންސިލްގެ ބޯޑަކީ އެކައުންސިލްގެ ގާނޫނާ އެއްގޮތަށް އެކުލެވިފައިވާ ބޯޑެއް ނޫން ކަމަށެވެ. އެގޮތުން އެކައުންސިލުގައި ހިމެނޭ މިނިވަން މެންބަރަކު ސަރުކާރުން ހިންގާ އެމްއެންބީސީގެ ވަޒީފާއަކާ ހަވާލުވުމުން، ކައުންސިލް އެކުލެވިގެންވާން ޖެހޭ ކަމަށް ގާނޫނުގައި ބުނާ މިނިވަން މެންބަރުންގެ އަދަދު ހަޔަކަށް ބަދަލުވެ، ނޫސް އިދާރާތައް ތަމްސީލްކުރާ މެންބަރުގެ އަދަދު ނުވަޔަކަށް ބަދަލުވެފައިވާތީ، ކައުންސިލްގެ ގާނޫނީ އަދަދު ހަމަނުވާ ކަމަށް އެމްޖޭއޭން ބުންޏެވެ.

އަދި މިހާރު ވުޖޫދުގައި ނެތް ނުވަތަ ގަވާއިދުން ނެރެމުން ނުދާތާ އެތަކެއް ދުވަސްވީ ނޫސްމަޖައްލަތަކެއްގެ ނަމުގައި ތިބި މެންބަރުން އެ ބޯޑުގައި ހިމެނޭ ކަމަށާއި ބޯޑުގެ މެމްބަރުންނަށް "ހަގީގީ ވާޖިބުތައް" އަދާ ކުރެވިފައި ނުވާކަން އޮޑިޓް ރިޕޯޓުން އެނގިގެން ގޮސްފައިވާތީ، މިހާރު ތިއްބެވި މެމްބަރުން އިސްތިއުފާދެއްވައި، އަލުން ބޯޑު އެކުލަވާން ޖެހޭނެ ކަމަށް ވެސް އެމްޖޭއޭ އިން ބުނެފައިވެ އެވެ.

"މިހާރު އޮތް މީޑިއާ ކައުންސިލްގެ ބޯޑަކީ މީޑިއާ ކައުންސިލްގެ ގާނޫނުން ލާޒިމުކުރާ ގޮތަށް މެންބަރުންގެ އަދަދު ހަމަވާ ނުވަތަ ތަމްސީލުކުރާ ބޯޑަކަށް ނުވުމާއި ބޯޑުގައި މީޑިއާތަކުގެ ނަމުގައި ހަރަކާތްތެރިވާ ބައެއް މެންބަރުންގެ ތެރޭގައި މިހާރު ވުޖޫދުގައި ނެތް ނުވަތަ ގަވާޢިދުން ނެރެމުން ނުދާތާ އެތަކެއް ދުވަސްވީ ނޫސްމަޖައްލާތަކުގެ ނަމުގައި ތިބި މެންބަރުން ހިމެނޭ ބޯޑަކަށްވާތީ މިހާރު އޮތް މީޑިއާ ކައުންސިލްގެ ބޯޑަކީ ވެސް ކައުންސިލް ގާނޫނާ އެއްގޮތަށް އެކުލެވިފައިވާ ބޯޑަކަށް ނުވުމާއި މީޑިއާ ކައުސިލްގެ ބޯޑުގެ ހަގީގީ ވާޖިބުތައް އަދާ ކުރެވިފައި ވެސް ނުވާކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައި ވާތީ މީޑިޔާ ކައުންސިލްގެ ބޯޑުގެ މެންބަރުން އިސްތިއުފާ ދެއްވައި އަލުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން މީޑިއާ ކައުންސިލްގެ ބޯޑު އެކުލަވާ ލުމަށް ވެސް މިޖަމިއްޔާ އިން ގޮވާލަމެވެ." ނޫސްބަޔަނުގައިވެ އެވެ.

އަދި މީޑިއާ ކައުންސިލްގެ އަމަލުތަކުގެ ސަބަބުން މީޑިއާ ތަމްސީލް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ކުރިމަތީގައި ރާއްޖޭގެ މީޑިއާގެ އަގުވެއްޓި މީޑިއާ ރެގިއުލޭޓް ކުރާ ފަރާތުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭނެ ޖާގަ އުފެދިގެން ގޮސްފައިވާތީ، އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް އެޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

މީޑިއާ ރެގިއުލޭޓު ކުރުމުގެ ޒިންމާ އުފުލަން އޮންނަ މުއައްސަސާތަކުން، އެ މުއައްސަސާތަކުގެ ގާނޫނާ، އަދި ތަހުޒީބީ ޑިމޮކްރެރެސީއެއްގައި ކަންކުރާ އުސޫލާއި ޚިލާފަށް ކަންކަން ކުރަމުން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ، އެ މައްސަލަތައް ބަލައިދިނުމަށް އެމްޖޭއޭން ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފަ އެވެ.

"..މިއަދު މީޑިއާ ކައުންސިލުން، އެކައުންސިލްގެ ޤާނޫނާ ޚިލާފަށް ފައިސާ ނަގާފައިވާ މައްސަލަ އާއި އެކައުންސިލުގެ ބޯޑުގެ ޤާނޫނީ އަދަދަށް އައިސްފައިވާ ބަދަލާ މެދު އަވަސް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އޮޑިޓް ކުރުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު އާންމު ކުރި އޮޑިޓް ރިޕޯޓެއްގައި ބުނަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެންގުމާ ހިލާފަށް އެ ކައުންސިލްގެ މެންބަރުންގެ މުސާރައިގެ އިތުރަށް އަށް މަހު، ކޮންމެ މަހަކު މެންބަރަކަށް 7،500ރ.ގެ ރޭޓުން 15 މެންބަރުންގެ ލިވިން އެލަވަންސްގެ ގޮތުގައި 900،000ރ ނަގާފައިވާ ކަމަށެވެ. އަދި އެއީ އެ މެންބަރުން ގާނޫނާ ހިލާފަށް ނަގާފައިވާ ފައިސާއެއް ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެ އެވެ.