ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައި ދެއްވި ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ، ދޮޅު އަހަރަށް އަރުވާލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް އޭނާ އިސްތިއުނާފަށް ހުށަހަޅުއްވައިފި އެވެ.

އިސްމާއީލް އަބްދުލްހަމީދު މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖުމަންޓުގެ ސެކްޝަންގެ އިސްވެރިޔަކަށް ހުންނަވައިގެން އޯޑަރު ދެއްވި ކޮޅުވެއްޓިއެއް ނުލިބެނީސް އެ ލިބުނު ކަމަށް ހައްދަވައި އެއްބަސްވުމާ ހިލާފަށް، ކޮޅުވެއްޓި ވިއްކި ކުންފުންޏަށް، ފައިސާ ދެއްކެވި މައްސަލާގައި އޭނާގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރެއްވުމަށް މިދިޔަ މަހު 21ގައި ހައިކޯޓަށް ހުށަހެޅުއްވީ އިސްތިއުނާފު ކުރުމަށް ލިބޭ 90 ދުވަހުގެ މުއްދަތު ހަމަވާން ދެ މަހަށް ވުރެ ގިނަ ދުވަސް ބާކީ އޮއްވަ އެވެ.

އަބްދުލްހަމީދުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމްގައި ބުނަނީ 2008 ވަނަ އަހަރު ވޭސްޓް މެނޭޖްމަންޓަށް ގަން ކޮޅުވެއްޓިއެއް އިސްމާއިލް އަބްދުލްހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި އެ އުޅަނދު ވޭސްޓް މެނޭޖްމަންޓަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ. އަދި އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ކޮޅުވެއްޓި ވޭސްޓް މެނޭޖްމެންޓަށް ލިބުނު ކަމަށް ބުނެ، އެޕްރީލް 28، 2008ގައި އެ ފައިސާ އެ ކުންފުންޏަށް ހޯދާދީފައި ވަނީ ކޮޅުވެއްޓި ރާއްޖެ އައުމުގެ އެއް އަހަރު ކުރިން ކަމަށެވެ.

ކޮޅުވެއްޓި ރާއްޖެ ގެނެސްފައި ވަނީ 23 އޮކްޓޫބަރު 2009ގައި ކަމަށް ކޯޓުން ބުނެ އެވެ.

އަބްދުލްހަމީދުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ )ހ(ގެ ދަށުންނެވެ. އެ މާއްދާގެ )ހ(ގައި ބުނެފައި ވަނީ ސަރުކާރުގެ މުވައްޒަފަކު ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމަކީ ކުށެއް ކަމަށެވެ. އެ ގާނޫނުގެ 12 ވަނަ މާއްދާގެ )ށ(ގައި ބުނެފައި ވަނީ އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެމީހަކު ވަކިވާނެ ކަމަށެވެ.