އަންކަރާ (ޖަނަވަރީ 7) : އެމެރިކާގައި ދިރިއުޅުއްވާ ތުރުކީވިލާތުގެ އިދިކޮޅު ލީޑަރު ފަތްހުﷲ ގުލެންގެ ނެޓްވާކާ ގުޅުންހުރި ކަމަށް ޝައްކުކުރެވޭ ތުރުކީ ސިފައިންގެ 100 މީހުން ހައްޔަރު ކުރުމަށް ތުރުކީގެ ޕަބްލިކް ޕްރޮސެކިއުޓަރު އަމުރު ކުރައްވައިފި އެވެ.

ތުރުކީގެ ޕަބްލިކް ޕްރޮސެކިއުޓަރު މިކަމަށް އަމުރުކުރެއްވީ މޯބައިލް ފޯނުމެދުވެރިކޮށް އެމީހުން ކުރި މާލީ މުއާމަލާތްތަކެއް ތަހްގީގްކުރުމުން އެއީ ގުލެން ގެ ނެޓްވާކާ ގުޅުން ހުރި ބައެއް ކަމަށް ޝައްކުކުރެވުމާ ގުޅިގެން ކަމަށް އެގައުމުގެ އަނަތޯލިޔާ ނޫސް އެޖެންސީ ބުނެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖުލައިމަހު ތުރުކީ ސިފައިންގެ ބަޔަކު އިސްވެ ތިބެގެން އެގައުމަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބުގެ ފަހަތުގައި ވަނީ ފަތްހުﷲ ގުލެން ކަމަށް ތުރުކީ ސަރުކާރުން ތުހުމަތުކޮށްފައިވާ އިރު އެ ގައުމުގެ ޝަރުއީ ދާއިރާއިން ވަނީ ގުލެންގެ މައްޗަށް ޝަރީޢަތް ހިންގުމަށް ޓަކައި އޭނާ ތުރުކީއާ ހަވާލުކުރުމަށް އެމެރިކާގެ ކިބައިން ވަނީ އެދެފަ އެވެ. ނަމަވެސް އެމެރިކާ ވަނީ މިކަމަށް އިޖާބަ ދިނުމަށް ދެކޮޅު ހަދައި ގުލެންގެ މައްސަލައަކީ ތުރުކީއާ ދެކޮޅަށް ސިޔާސީ ގޮތުން ބޭނުން ކުރާ ހަތިޔާރެއްގެ ގޮތުގައި ހަދައިފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ނާކާމިޔާބު ބަޣާވާތާ ގުޅިގެން ތުރުކީ ސަރުކާރުން އެ ގައުމުގެ ސިފައިންނާއި ފުލުހުންގެ އެތަށް ހާސްބަޔަކު ހައްޔަރުކޮށް ޝަރީއަތް ހިންގަމުން އެބަ ގެންދެ އެވެ. މީގެ އިތުރުން އެ ބަޣާވާތުގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ފަތްހުﷲ ގުލެންގެ ނެޓްވާކާ ގުޅުންހުރި ކަމަށް ބެލެވޭ ތުރުކީ ސިވިލްސާވިސް މުވައްޒަފުންގެ އެތައް ހާސް ބަޔަކު ވެސް ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ގުލެންގެ ނެޓްވާކާ ގުޅުންހުރިކަމަށް ޝައްކު ކުރެވިގެން ހައްޔަރުކުރި ސިފައިންގެ 100 މީހުންގެ މައްޗަށް ރަސްމީ ތުހުމަތުކުރާނީ އެކަން ތަހްގީގު ކުރުމަށްފަހުގައި ކަމަށް އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެ އެވެ. (އަނަތޯލިޔާ)