ޕޯސްޓްމޯޓަމް ހަދާއިރު އަމަލުކުރާނެ ގޮތުގެގައިޑްލައިނެއްތައްޔާރުކޮށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން އާންމުކޮށްފި އެވެ.

އެޗްއާރުސީއެމުން އާންމު ކުރި ގައިޑްލައިންގައި ބުނެފައިވާގޮތުން އެ ގައިޑްލައިން އެކުލަވާލީ ޕޯސްޓްމޯޓަމް ނުވަތަ އޮޓޯޕްސީ ހެދުމަށް ރާއްޖޭގައި އަމަލުކުރާނެ ވަކި އުސޫލެއް އެކުލަވާލެވިފައި ނުވާތީ ބައެއް އިންސާނީ ހައްގު ގެއްލިގެންދާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އެ ގައިޑްލައިންގައި ވަނީ ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީ ކޮންމެހެން ހަދަން ޖެހޭ ހާލަތްތައްވެސް ބަޔާންކޮށްފަ އެވެ. އެގޮތުން ޝައްކެއް އުފެދޭ ހާލަތެއްހައި ކުޑަކުއްޖަކު ނިޔާވުމުންނާއި އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހިނގާ ގަތުލުތަކުގައި ޕޯސްޓްމޯޓަމް ހެދޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އޭގެ އިތުރުން ޖަލެއްގައި ނުވަތަ ދައުލަތުން މީހުން ބަލަހައްޓާ ތަނެއްގައި ކުޑަކުއްޖަކު ނުވަތަ މީހަކު ޝައްކު އުފެދޭ ގޮތަށް މަރުވެއްޖެ ނަމަ އެއީ ޕޯސްޓްމޯޓަމް ހަދަން ޖެހޭ ހާލަތެއް ކަމަށްވެސް ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.

ޕޯސްޓްމޯޓަމް ހަދަން ނިންމުމުގައި ބަލަން ޖެހޭނެ ކަންކަންވެސް ގައިޑްލައިންގައި ބަޔާންކޮށްފައިވެ އެވެ. ގިނަ ކަންތައްތަކެއް ހިމެނޭއިރު މަރުވި މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާނެ ފެނުން ނުވަތަ ގުނަވަނެއް މަދުވުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ޕޯސްޓްމޯޓާމް ހަދަން ނިންމިދާނެ ކަމަށް ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.

ޕޯސްޓްމޯޓަމް ހެދުމުގައި ވަކި މިންގަނޑުތަކަށް އަމަލުކުރަންޖެހޭ ކަމަށްވެސް ގައިޑްލައިންގައި ވަނީ ބުނެފަ އެވެ. އެގޮތުން މީހާ މަރުވާތާ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ޕޯސްޓްމޯޓަމް ހަދާނަމަ ހަދަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން އެމުއްދަތު އިތުރުކޮށްފި ނަމަ އޭގެ ފަހުންވެސް ހެދޭނެ ކަމަށް ބުނެފައިވެ އެވެ.

ޕޯސްޓްމޯޓަމް ހަދާ ހޮސްޕިޓާލާއި ހަދާ ޑޮކްޓަރާއި ހުރިހާ މައުލޫމާތެއް ތަފްސީލުކޮށް ހިއްސާ ކުރަން ޖެހޭ ގޮތަށްވެސް ގައިޑްލައިންގައި ވަނީ ބަޔާންކޮށްފަ އެވެ.