05 Jun 2010, 10:28
14:30
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު 4:00 ން މެންމަދު 12:00 އަށް ހިނގާފައި އުޅޭ ގޮތަށް ކުރިން ޓްރާންސްޕޯޓު މިނިސްޓްރީން ހަމަޖެއްސި ނަމަވެސް އެކަން އެގޮތަށް ނުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔރަމަންޓްގެ އެސިސްޓަންޓް ޑިރެކްޓަރ މިރުޒާ މުހައްމަދު މިއަދު ވިދާޅުވީ މިއަދު ހަވީރު 4:00 ން މެންމަދު 12:00 އަށް ހިނގާފައި އުޅޭ ގޮތަށް ކުރިން ހަމަޖައްސަފައި އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރާ ގޮތަށް ހަމަޖެއްސީ މިއަހަރު ފާހަގަ ކުރި ދުނިޔޭގެ އާތު އަވަރ ދުވަހުގައި ވެސް އެ އިވެންޓް ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ. އެހެންނަމަވެސް ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް، ހާހެއްހާމީހުން ބައިވެރިވެގެން ތަފާތު ހަރަކާތްތައް ދައްކާލުމުގެ ރެލީއެއް މިއަދު ހަވީރު ކުރިއަށް ދާނެ ކަމަށް މިރުޒާ ވިދާޅުވި އެވެ. މިރުޒާ ވިދާޅުވީ މިއަދު ހަވީރު ސޯޝަލް ސެންޓަރު ކައިރިން ފަށާ އެ ރެލީ ނިންމާލާނީ އާޓިފިޝަލް ބީޗަށް ކަމަށާއި އަދި އާރޓިފިޝަލް ބީޗުގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއް ވެސް އޮންނާނެ ކަމަށެވެ.
މިއަދު ފާހަގަ ކުރަމުން މިދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ހަރަކާތްތަކުގައި ތަފާތު އެކިއެކި އެންޖީއޯ ތަކުން ބައިވެރިވާ ކަމަށާއި އަދި ތިމާވެށީގެ ދުވަހުގެ ބައެއް ހަރަކާތްތައް މިއަހަރުގެ އެހެން ދުވަސް ދުވަހު ކުރިއަށް ގެންދާނެ ކަމަށް ވެސް މިރުޒާ ވިދާޅުވި އެވެ.
މިރުޒާ އިތުރަށް ވިދާޅުވީ ތިމާވެށިގެ ދުވަހުގެ ހަރަކާތްތައް މާލޭގެ އިތުރުން ރަށްރަށުގައި ވެސް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން މިއަދު ރ.ދުވާފަރުގައި ދެ ހާސް ދިހަ ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.