ކުއަލަލަމްޕޫރު(ޖެނުއަރީ 7): މެލޭޝިއާގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަހެއް ރަސްކަން ދޫކޮށްލަވައިފިއެވެ.

އެއީ މީގެ 60 އަހަރު ކުރިން މެލޭޝިއާއަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގެ ރަސްކަލަކު އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ.

އުމުރުން 49 އަހަރުގެ ރަސްގެފާނު މުހައްމަދު އިސްތިއުފާ ދެއްވި ސަބަބެއް ޝާހީ ގަނޑުވަރުން ހާމަ ނުކުރެއެވެ.

ރަސްގެފާނު މުހައްމަދު، ރަޝިއާގެ ކުރީގެ ރީތީގެ ރާނީއަކާ ކައިވެނި ބެއްލެވި ކަމަށް ވަނީ ހަބަރު ފެތުރިފައި -- ފޮޓޯ: ޓުވިޓާ

ނަމަވެސް ރަސްގެފާނު އިސްތިއުފާ ދެއްވީ ރަޝިއާގެ ކުރީގެ ރީތީގެ ރާނީއަކާ ކައިވެނި ބެއްލެވި ކަމަށް ހަބަރު ފެތުރު ފަހުންނެވެ. ރިޕޯޓުތަކުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ރަސްގެފާނު ވަނީ 25 އަހަރުގެ އޮކްސާނާ ވޯވޮޑިނާއާ ކައިވެނި ބައްލަވައިގެންފައެވެ.

މެލޭޝިއާއަށް ދެން ރަސްގެފާނަކު އައްޔަން ކުރާނީ އެގައުމުގެ ކައުންސިލް އޮފް ރޫލާސް އެވެ. ރަސްގެފާނު މުހައްމަދު ތަހުތަށް އިސްކުރީ 2016ގައެވެ.