ޑީއާރްޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 17 އަށް މަދުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް އައިސްފައިވާ ބަދަލު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއުލާންކުރެއްވި އިރު، ކުރިން މަޖިލީހުގައި ޑީއާރްޕީގެ 23 މެމްބަރުން ތިއްބެވި ނަމަވެސް އެ އަދަދު މިހާރު 17 އަށް ދަށްވެފައިވާކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ ކުރިން ޑީއާރްޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި، ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ އާއި އިނގުރައިދޫ ދާއިރާގެ ހަމްދޫން އަބްދުﷲ ހަމީދާއި ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަފީގު ހަސަން އާއި ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު ޑީއާރްޕީން ވަކިވެވަޑައިގެންފައިވާ ކަމުގެ ލިޔުންތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން އިދިކޮޅު ޕީއޭގެ އިން ތިން މެންބަރުން ވަކިވެ ވަޑައިގެންފައިވާ ކަމަށް ވެސް ޝާހިދު އިއުލާން ކުރެއްވި އެވެ. މަޖިލީހުގައި ހަތް މެންބަރުން ތަމްސީލް ކުރައްވަމުން ގެންދެވި ޕީއޭއިން ވަކިވެ ވަޑައިގެންފައިވާކަމުގެ ލިއުންތައް ހުށަހަޅުއްވާފައިވާ މެންބަރުންނަކީ އެ ޕާޓީގެ ރައީސް މުލަކު ދާއިރާގެ އަބްދުﷲ ޔާމީނާއި މާވަށު ދާއިރާގެ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރާއި ގަމު ދާއިރާގެ ޔޫސުފް އަބްދުލް ޣަފޫރު ކަމަށް ވެސް ޝާޙިދު އިއްލާން ކުރެއްވި އެވެ. އެހެންކަމުން މިހާރު މަޖިލީހުގައި ތިއްބެވީ ޕީއޭގެ ހަތަރު މެންބަރުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. މިހާރު މަޖިލީހުގައި މެންބަރުން އެތުރިފައިވާ ގޮތަށް ބަލާއިރު، މެޖޯރިޓީ ޕާޓީ އެމްޑީޕީގެ 34 މެންބަރުން ހިމެނޭއިރު ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ދެ މެންބަރުންނާއި ގައުމީ ޕާޓީ ތަމްސީލް ކުރައްވަނީ އެންމެ މެންބަރެކެވެ. ޑީއާރްޕީ އާއި ޕީއޭއިން ވަކިވެ ވަޑައިގެން، ރައީސް މައުމޫނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ މެންބަރުން ހިމަނާފައވަނީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ ތެރޭގަ އެވެ. އެހެންކަމުން މަޖިލީހުގައި މިހާރު ތިއްބެވި އަމިއްލަ މެންބަރުންގެ އަދަދު ވަނީ 19 އަށް އަރައިފަ އެވެ.

ޝާހިދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، މަޖިލީހުގެ ކޮމެޓީތަކަށް ގެންނަންޖެހޭ ބަދަލުތައް، މެޖޯރިޓީ ލީޑަރު ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހާއި މައިނޯރިޓީ ލީޑަރު ކެންދޫ ދާއިރާގެ އަހުމަދު ތަސްމީން އަލީއާ މަޝްވަރާކުރައްވައި ނިންމޭތޯ ބައްލަވާނެ ކަމަށެވެ.