07 Jan 2019, 10:13
ބޭންކޮކް (ޖެނުއަރީ 7): ތައިލޭންޑުގެ ބޭންކޮކް އެއާޕޯޓުން ހިފެހެއްޓި ސައުދީ އަރަބިއާގެ އަންހެން މީހާ އަނބުރާ ގައުމަށް ފޮނުވާލައިފި ނަމަ މަރާލަފާނެ ކަމުގެ ބިރު އޮތް ކަމަށް އެއަންހެންމީހާ ބުނެފި އެވެ.
އުމުރުން 18 އަހަރުގެ ރަހަފް މުހައްމަދު އަލް ގުނުން އިއްޔެ ބުނި ގޮތުގައި އޭނާ ސުވަރުނަބުމީ އެއާޕޯޓަށް ދިޔުމާ އެކު ސައުދީ އަދި ކުވޭތުގެ އޮފިޝަލުން ވަނީ އޭނާގެ ދަތުރަށް ބޭނުންވާ ލިޔެކިޔުންތައް އަތުލައިފަ އެވެ.
ރަހަފް ބުނި ގޮތުގައި އޭނާގެ ބެލެނިވެރިޔާ ވަނީ އޭނާގެ ހުއްދައާ ނުލައި ރަހަފް ދަތުރު ކުރި ކަމަށް ބުނެ އެ މައްސަލަ ރިޕޯޓުކޮށްފަ އެވެ. އަދި އޭނާގެ އާއިލާއަކީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރާ ބަޔެއް ކަމަށާއި ތައިލޭންޑަށް ފިލައިގެން ދިޔައީ އާއިލާއިން ސަލާމަތްވުމަށް ކަމަށް ބުނެފަ އެވެ.
ރަހަފް ތައިލޭންޑަށް ދިޔައީ ކުވޭތުގައި އާއިލާއާ އެކު ޗުއްޓީ ހޭދަ ކުރަން ގޮސް ހުރެފަ އެވެ. އޭނާ މަސައްކަތް ކުރީ ބޭންކޮކުން އޮސްޓްރޭލިއާއަށް ގޮސް އެގައުމުގެ ހިމާޔަތް ހޯދާށެވެ.
"އަހަރެންގެ އާއިލާ ވަރަށް ހަރުކަށި ވާނެ. އަހަރެން ބޯކޮށާލި ކަމަށް ޓަކައި ހަ މަހަށް ކޮޓަރި ތެރޭ ހައްޔަރުކޮށްފައި ބެހެއްޓި. އަހަރެން (ސައުދީއަށް) އަނބުރާ ފޮނުވާލައިފި ނަމަ ޖަލަށް ލާނެ. އަދި ޖަލުން ދޫކޮށްލުމާ އެކު އަހަރެން މަރާލާނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން އެބަ އޮތް،" ރަހަފް ބުންޏެވެ.
ތައިލޭންޑުގެ އިމިގްރޭޝަނުން ބުނި ގޮތުގައި ރަހަފް ހިފެހެއްޓީ އޭނާގެ އަތުގައި ރިޓާން ޓިކެޓެއް އަދި އިތުރު ފައިސާއެއް ވެސް ނެތުމުންނެވެ. އަދި އޭނާ އާއިލާއަށް ފިލީ 'ކައިވެންޏެއް ކުރުވަން' މަސައްކަތް ކުރާތީ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނި ގޮތުގައި ރަހަފް ތައިލޭންޑަށް ދިޔަ އިރު އޭނާގެ އަތުގައި އެ ގައުމުގެ ވިސާއެއް ނެތެވެ. އަދި ރަހަފްގެ ޕާސްޕޯޓު އަތުލިކަން އެނގިފައި ނުވެ އެވެ.
ނަމަވެސް ހިއުމަން ރައިޓްސް ވޮޗް އޭޝިއާ އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ރަހަފް ވިސާ ހޯދަން މަސައްކަތް ކުރުމުން އެކަން ހުއްޓުވި ކަމަށާއި އޭނާގެ އަތުގައި އޮސްޓްރޭލިއާއަށް ދާން ޓިކެޓެއް އޮތް ކަމަށް ވެސް ބުނެފަ އެވެ.
އެ ޖަމްއިއްޔާ އިން ވަނީ ރަހަފް އަނބުރާ ކުވޭތަށް ފޮނުވާނުލުމަށް ތައިލޭންޑަށް ގޮވާލާފަ އެވެ.