04 Oct 2011, 10:56
ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ މަސްލަހަތު އޮންނަ ކަނބާލިފަރު އިންވެސްޓްމެންޓާއި މަހައްދޫ އިންވެސްޓްމަންޓުން ބެންކްއޮފް މޯލްޑިވްސްއަށް ނުދައްކާ އޮތް ފައިސާގެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި ދެ މައްސަލައިގެ ޝަރީއަތުގައި ވެސް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ އެ ދެ ކުންފުނިން ބޭކަންކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށެވެ. މީގެ ތެރެއިން މަހައްދޫ އިންވެސްޓުމެންޓް މައްސަލައިގައި ހިމެނެނީ ޑިމާޑް ލޯނާއި އެލްސީއެއްގެ މައްސަލަ އެވެ.
މި ދެ ހުކުމް ކުރެއްވިއިރު މަހައްދޫ އިންވެސްޓްމެންޓްގެ ހިއްސާދާރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި، ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކޯޓަށް ވަޑައެއް ނުގަންނަވެވެ. ވަޑައިގަތީ ވަކީލެވެ. މި ދެ ބޭފުޅުންގެ ތެރެއިން ނާޝިޒަކީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީންގެ ކޮއްކޯފުޅެވެ.
މަހައްދޫ މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ " މަދަނީ ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ދިވެހި ރާއްޖެގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި އެ ގަޒިއްޔާގައި މަދަނީ ކޯޓުން ކުރައްވާފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރީ" ކަމަށެވެ.
މަހައްދޫ މައްސަލައިގައި ދަށު ކޯޓުން އޮކްޓޫބަރު 19، 2009ގައި ހުކުމް ކޮށްފައި ވަނީ މައްދޫ އިންވެސްޓުމެންޓުން ނަގާފައިވާ ޑިމާންޑް ލޯން 28091705.88 އެމެރިކާ ޑޮލަރު (އަށާވީސް މިލިއަން ނުވަދިހަ އެއްހާސް ހަތްސަތޭކަ ފަހެއް ޕޮއިންޓް އަށެއް އެމެރިކާ ޑޮލަރު) ދިވެހި ބޭންކަށް ނުދައްކާ ކަމަށާއި ލެޓާ އޮފް ކްރެޑިޓަށް 34394.21 އެމެރިކާ ޑޮލަރު (ތިރީސް ހަތަރުހާސް ތިން ސަތޭކަ ނުވަދިހަ ހަތަރެއް ޕޮއިންޓް ދޭއް އެކެއް އެމެރިކާ ޑޮލަރު ) ދިވެހި ބޭންކަށް ނުއްދާކަވާ ކަމަށާއި އެފަސާ 15 ދުވަހުގެ ތެރޭގައި ހަލާސް ކުރުމަށެވެ. ހަލާސް ނުކޮށްފިނަމަ ޑިމާންޑް ލޯނާ ގުޅިގެން ރަހުނުކޮށްފައިވާ ރީތި ބީޗް ރިސޯޓާއި މައްދޫ އެންމެހާ މިލްކުވެރި ކަމުގެ ހައްގުތަކާއެކު ދިވެހި ބޭންކާ ހަވާލު ކުރުމަށެވެ.
ކަނބާލިފަރު އިންވެސްޓްމެންޓްގެ މައްސަލައިގައި ދަށު ކޯޓުގެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުނާފުކޮށްފައި ވަނީ ކަނބާލިފަރު އިންވެސްޓްމަންޓްގެ ހިއްސާދާރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި، މަޖިލިސް މެންބަރު އަލީ އާޒިމާއި މ. ރަފީގުގޭ އަހުމަދު ރަޝީދާއި މއ. ހަވާނާ، މުހައްމަދު ފާއިޒާއި ހ. ބެއިންޖިން، އަބްދުއް ސައްތާރު ޔޫސުފާއި މައްދޫ އިންވެސްޓްމެންޓާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑުންނެވެ.
ކަނބާލިފަރު މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ " އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށް ބަލައި ނަޒަރު ކުރިއިރު އެ ގަޒިއްޔާގައި މަދަނީ ކޯޓުން ކުރައްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށްޓަކައި މި މައްސަލަ ބެލި ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން، މަދަނީ ކޯޓުގެ ގަޒިއްޔާގައ ކުރައްވާފައިވާ ހުކުމަށް ތާއީދު ކުރީ" ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ކަނބާލިފާރު އިންވެސްޓްމަންޓްގެ މައްޗަށް ކުރި ދައުވާއަށް ޝަރީއަތް ހިންގައި ކުރީގެ މަދަނީ ކޯޓުން އިއްވި ހުކުމުގައި ބުނަނީ ބޭންކުން ކަނބާލިފަރު އިންވެސްޓްމަންޓަށް ދޫކޮށްފައިވާ 3300000.00 އެމެރިކާ ޑޮލަރުގެ އޯވާ ޑްރާފްޓަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކާ ސާބިތުވާ ކަމަށާއި 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށެވެ. އަދި ފައިސާ ނުދައްކައިފިނަމަ ރަހުނުކޮށްފައިވާ ރީތި ބީޗް ރިސޯޓާއި މަހައްދޫ އާއި އަދި ދައުވާލިބޭ ފަރާތްތަކުގެ އެންމެހާ މިލްކުތައް ދިވެހި ބޭންކާ ހަވާލު ކުރުމަށެވެ.