ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހު ސްރީލަންކާއަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މާލެ ވަޑައިގަތީ މިރޭގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ސޯލިހު ލަންކާ ފުރާވަޑައިގަތުމުގެ ކުރިން އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖާ ޖެނެރަލް (ރިޓަޔާޑް) ބީ.އާރ.ޑަބްލިއު.އެމް.އާރު.އޭ.ބީ. ތޮރަޑެނިޔަ އާ ވަނީ ބައްދަލު ކުރައްވާފަ އެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ. މިދިޔަ މަހުގެ ތެރޭގައި ރަސްމީ ދަތުރުފުޅެއްގައި ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ.