މަދަނީ ޖަމިއްޔާތަކާ ބެހޭ އެންމެހާ ކަންކަން ޔޫތް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ ޖަމިއްޔާތަކާ ގުޅޭ ހުރިހާ މަސައްކަތްތަކާއި ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާ ގުޅޭ މަސައްކަތްތައް މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ދަށަށް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ.

މީގެ ކުރިން ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމާއި އުވާލުން ފަދަ ޖަމިއްޔާތަކާ ބެހޭ އެންމެހާ ކަންކަން ބަލަހައްޓަމުން ގެންދިޔައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.

ޖަމިއްޔާތަކާ ބެހޭ އެންމެހާ ކަންކަން ޔޫތް މިނިސްޓްރީގެ ދަށަށް ބަދަލު ކުރި އިރު ޖަމިއްޔާތަކުގެ ރެޖިސްޓްރާ އަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ދާދި ފަހުން ވަނީ ހަމަޖައްސާފަ އެވެ.