ފިހާރައަކަށް ވަދެ، 100ރ. ގެ ފޯން ކާޑެއް ދޭށޭ މީހަކު ބުނުމުން "މިހާރު 100ރ. ގެ ފޯނު ކާޑެއް ވިއްކަނީ 103.50ރ. އަށް" ކަމަށް ސޭޓު ބުންޏެވެ. އެ މައްސަލާގައި ހިތްހަމަނުޖެހިގެން، ސޭޓާ ޒުވާބުކުރުމަށްފަހު އެމީހާ އެންމެފަހުން ނުކުމެގެންދިޔައީ 103.50ރ. އަށް ފޯނު ކާޑު ގަނެގެންނެވެ. ސޭޓަށް ވެސް އަދި އެ މީހާ އަށް ވެސް އޮޅުނީ އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވިޔަފާރިކުރާ ގިނަ ތަންތަނުން ވިއްކާ މުދާތަކާއި ހިދުމަތްތަކުގެ އަގުން 3.5 ޕަސަންޓުގެ ޖީއެސްޓީ ނަގަން ފަށާފައިވާއިރު، ޓެކްސް އިން އިސްތިސްނާވާ މުވާސަލާތީ ހިދުމަތްތަކުން ވެސް ޓެކްސް ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ކޮމިނިއުކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް )ކޭމް( އިން ބުންޏެވެ.

ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދު ރޭ ވިދާޅުވީ، އެންމެ ބޮޑަށް މީހުން "އޮޅުން" އަރުވާލަނީ ފޯން ކާޑުގެ ހިދުމަތް ކަމަށެވެ. އެގޮތުން އެތަނުގެ މުވައްޒަފަކު ވެސް ފޯނު ކާޑު ގަތް އިރު ޖީއެސްޓީ ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޖީއެސްޓީ ގާނޫނުގެ 20 ވަނަ މާއްދާގެ )ނ(ގެ ދަށުން މުވާސަލާތީ ހިދުމަތްތަކުން ޓެކްސް ނެގުން އިސްތިސްނާވާއިރު، ފޯން ކާޑު، ރީލޯޑް އަދި ރާސްޓަސްގެ ހިދުމަތުން ޓެކްސް ނުނެގޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ފޯން ކާޑާއި ރީލޯޑް ނޫނީ ރާސްޓަސް ކަހަލަ އެއްޗެއްސަކީ ޕްރީޕެއިޑް ހިދުމަތަށް އަގު ނެގުމަށް ބޭނުންކުރާ ވަސީލަތްތަކެއް. އެކަހަލަ ހިދުމަތްތަކަށް ]ޖީއެސްޓީ[ ނުނެގޭނެ. އެކަމަކު މިއީ ވަރަށް ބޮޑަށް އޮޅުން އަރުވާލާ އެއްޗެއް ފިހާރަތަކުން. އެއީ އަޅުގަނޑުމެންގެ މުވައްޒަފެއް ފޯނު ކާޑު ގަތް އިރުވެސް ޖީއެސްޓީ ނަގައިފި. އެހެންވީމަ، އާއްމުންނަށް އެނގެން ޖެހޭ ފޯން ކާޑު، ރީލޯޑް ރާސްޓަސް ފަދަ އެއްޗެއްސަށް ޓެކްސް ނުނެގޭނެކަން،" ކޭމްގެ ޗީފް އެގްޒެކެޓިވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެނޫން މުވާސަލާތީ ގިނަ ހިދުމަތްތަކުން ވެސް ޓެކްސް ދައްކަން ނުޖެހޭނެ ކަމަށެވެ. އެގޮތުން މޯބައިލް ފޯން ކޯލްތަކާއި އަދި އެސްއެމްއެސްތަކާއި ފިކްސް ލައިންގެ ކޯލްތަކާއި އިންޓަނޭޝަނަލް ކޯލްތަކާއި ލީސްޑް ލައިން އަދި އިންޓަނެޓުގެ ހިދުމަތުގެ އިތުރުން ޕޯސްޓްގެ ހިދުމަތުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ނަމަވެސް، އާއްމު އަގުތަކަށްވުރެ ބޮޑުކޮށް ޕްރިމިއަމް ރޭޓް ހިދުމަތުގެ ގޮތުގައި ދެވޭ ޓެލެފޯނުގެ ހިދުމަތްތަކާއި އެސްއެމްއެސްގެ ހިދުމަތްތަކާއި އަދި ޕޯސްޓުގެ އާއްމު އަގުތަކަށްވުރެ ބޮޑުކޮށް ދޭ ކުރިއާ ސާވިސްގެ ހިދުމަތްތައް، ޖީއެސްޓީން އިސްތިސްނާ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖީއެސްޓީ ނެގޭނެ އަދި ނުނެގޭނެ މުވާސަލާތީ ހިދުމަތްތަކުގެ ތަފްސީލު ކޮމިއުނިކޭޝަން އޮތޯރިޓީގެ ވެބްސައިޓުގައި ވެސް ވަނީ އާއްމުކޮށްފަ އެވެ.