ކާބުލް (ޖަނަވަރީ 6): އަފްޣާނިސްތާނުގެ ޓަނެލް (ބިންގަރާހެއް) ރޫޅިގެން ދިޔުމުގެ ސަބަބުން 30 މީހުން މަރުވެއްޖެއެވެ. އަފްޣާން މަސްއޫލުވެރިން ވިދާޅުވީ އެގައުމުގެ އުތުރުގެ ބަދަޚްޝާން ސަރަހައްދުގައިވާ އެ ބިންގަރާހަކީ ބިމުއަޑީގައިވާ ރަންނަގާ މައިނަކަށް ވާސިލްވުމަށް ބޭނުންކުރާ ބިންގަރާހެއްކަމަށާ އެއީ ސަރުކާރުގެ ތަނެއްނޫންކަމަށާ އާންމުން އަމިއްލައަށް ކޮނެގެން އުޅޭ ބިންގަރާހެއްކަމުގައެވެ.

ބަދަޚްޝާން ސަރަހައްދުގެ ގަވަރުނަރުގެ ތަރްޖަމާން ނީކް މުހައްމަދު ނަޒާރީ ވިދާޅުވީ ބިންގަރާސް ރޫޅިގެން ދިޔުމުގެ ސަބަބުން މަރުވީ އެސަރަހައްދުގެ ފަގީރު އާއިލާތަކަށް ބިސްބަތްވާ މީހުންކަމުގައެވެ. އެމީހުން އެ ބންގަރާހުގެ ތެރެއިން ރަންނަގާ މައިނަށް ދަނީ ވަރަށް ނުރައްކާތެރި ގޮތެއްގައި ކަމަށާ އެ މައިނަކީ ރަނުގެ މާބޮޑު ރިޒާވް އެއްހުރި މައިނެއް ނޫންކަމަށްވެސް ނަޒާރީ ވިދާޅުވިއެވެ.

ބިންގަރާސް ރޫޅިގެން ދިޔައީ ފިނިގަދަވެ ގަނޑުފެނާއި ސްނޯގެ ސަބަބުން ކަމަށް އަފްޣާން ސަލާމަތީ ބާރުތައް ބުނެއެވެ. އަފްޣާނިސްތާނުގެ ގިނަ ސަރަހައްދު ތަކަކީ ސަރުކާރުގެ ބާރު ހިނގާ ސަރަހައްދުތަކަށްނުވެފައި މައިންތައް ތަރައްގީ ކުރުމުގައި އަފްޣާން ސަރުކާރު އިހްމާލުވެފައިވާތީ އަފްޣާން އާންމުން ގެންދަނީ އަމީހުން އަމިއްލައަށް މައިތަކަށް ފާބައި ބޯޓު ދެއްޔާއި ރަނާއި ރިއްސާއި އެނޫންވެސް ބާވަތްތަކުގެ މައުދަންތައް ނެގުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތަށް ހުއްދަނެތި މަސައްކަތްކުރާ މައިންތަކާއި އެ މައިންތަކަށްދާ ބިންގަރާސް ތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިނުވާ ކަމަށްވެސް އަފްޣާން މަސްއޫލުވެރިން ވިދާޅުވެއެވެ. ބަދަޚްޝާން ސަރަހައްދުގައި 30 މީހުން މަރުވި ބިންގަރާހުން އެމީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަން ތައްޔާރުވަމުން ދާކަމަށް އެސަރަހައްދުގެ ލޯކަލް ސަރުކާރުން ބުނެއެވެ. (ރޮއިޓާސް)