06 Jan 2019, 19:49
ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ މީހުންނާއި ސިޔާސީ މަގުސަދު ހާސިލްކުރުމަށް ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް ހުށަހެޅުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފެބުރުވަރީ 2012 ގެ ފަހުން، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ބަންދުކޮށް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅައިފައިވާ ފަރާތްތަކާއި، އެކިއެކި ހުކުމްތައްކޮށް، އެހުކުމްތައް ތަންފީޒު ކުރަމުންދާ ފަރާތްތަކުން ޝާކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލީ މިދިއަ މަހުގެ ހަވަނަ ދުވަހު އެވެ.
އަދި އޭރު ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނެފައިވަނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޑިސެމްބަރު 30 އަށް ކަމަށެވެ. އެ މުއްދަތު މިހާރު ވަނީ މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބެލުމަށް "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ"ގެ ނަމުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ކޮމިޓީ އެއް އުފައްދަވައިފަ އެވެ. ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްގުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.